ރިޔާސީ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި އިންތިޚާބުތަކުން ދައުލަތް "ތަޅު އެޅުވިފައި" އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރިޔާސީ އިންތިޚާާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ޤާނޫނު އަސާސީއަށް ހުށަހަޅައިފައިވާ އިސްލާޙު މުހިއްމު ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ އިންތިޚާބުތައް މިހާރު އޮންނަ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ޖެހިވަޑައިގަންނަވަނީ ގާތްގާތުގައި އިންތިޚާބުތަކަށް ތައްޔާރުވެވަޑައިގަންނަވަން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ގިނަ ދުވަސްތަކެއްނުވަނީސް މަޖިލީސް އިންތިޚާބަށް ތައްޔާރުވާން ޖެހިވަޑައިގަންނަވާ ކަމަށާއި މަޖިލީސް އިންތިޚާބަށްފަހު މާ ގިނަ ދުވަސްތަކެއްނުވެ، ދެން ތައްޔާރުވާން ޖެހިވަޑައިގަންނަވަން ޖެހެނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކަމަށް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގުމާއެކުގައި މަޖިލީހުގެ ތެރޭގައި އޮންނަ އޮއިވަރާއި މި ހުރިހާ ކަމެއް ބަލަމުންދާއިރު، ހަޤީގަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެންމެ އެކަށީގެންވާ ގޮތަށް ވެރިކަންކުރަން، އެ ފުރުސަތު އެންމެ ރަނގަޅަށް އޮންނަ ކަމަށް ގަބޫލެއް ނުކުރެވޭ. މަޖިލިސް ރަނގަޅަށް ފަށައިގަންނައިރު ދެން މި އޮންނަނީ ލޯކަލް ކައުންސިލް އިންތިޚާބު، އެހެންވީމާ ދައުރެއްގެ ތެރޭގައި 3 އިންތިޚާބެއް ތަޖުރިބާ ކުރަންޖެހޭ" މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަންވެސް މީގެ ކުރިން ކުރެއްވި މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންތިޚާބުތައް ބާއްވަން ޖެހުމުގެ ސަބަބުން އެކަށީގެންވާ ބާރުމިނުގައި ތަރައްޤީގެ ކަންކަންވެސް ކުރިއަށްނުދާ ކަމަށެވެ. އެއީ ރާއްޖޭގެ ވެރިކަން ކުރެއްވި ކޮންމެ ވެރިޔަކުވެސް ތަޖުރިބާކުރަން ޖެހިވަޑައިގަންނަވާ ކަންކަން ކަމަށް ވިދާޅުވި އެވެ.
"މުޅި ދައުލަތް މި އޮންނަނީ އިންތިޚާބުތަކުން ތަޅު އެޅުވިފައި. ޤައުމަށް ހެޔޮ ބަދަލެއް ގެންނާކަށް ފުރުސަތެއް ނުލިބޭ. ތަރައްޤީގެ މަޝްރޫއުތައް ހިންގަން އޮންނަ ފުރުސަތު ވަރަށް ބޮޑަށް މި އޮންނަނީ އިންތިހާބުގެ ބަލިމަޑުކަމުގެ ތެރޭގައި ތަޅުއެޅުވިފައި" މިނިސްޓަރ ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން ރާއްޖޭގެ ރައީސުލްޖޫމްހޫރިއްޔާ ކަމަށް ވާދަކުރައްވަން ކިތަންމެ ގިނަ ބޭފުޅުން ނިކުންނެވިޔަސް އެ ބޭފުޅުންނާ އެ ބޭފުޅުންނާ އެކީގައި ރަނގަޅު ޓީމެއް ފެނިގެންދާނެ ކަމަށެވެ.
މީގެއިތުރުން އިންތިޚާބު އެއްކޮށްލެވުމުން ސަލާމަތްވަނީ ޚަރަދުތައް އެކަނި ނޫން ކަމަށާއި، ޕާޓިވަންތަ ކަމާއެކު މަސައްކަތްކުރުމުގެ ސިފަ ފެންނާނެ ކަމަށާއި އަދި ޤައުމުގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.