Last Updated: June 8, 19:00
Monday, June 8, 2026
ޚަބަރު

އަމިއްލަ ގޮތުން މެއި/ޖޫންގައި އޭލެވެލް ހެދުމުގެ ފުރުސަތު

އޭލެވެލް އެޑެކްސެލްގެ މޭ/ޖޫން ސީރީޒްގެ އިމްތިހާނުތައް ރާއްޖޭގައި އަލުން ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގައި އޭލެވެލް އިމްތިހާނު ބާއްވަމުން އައީ މެއި/ޖޫން މަހުގަ އެވެ. ނަމަވެސް 2020 ވަނަ އަހަރު ތައުލީމީ ކަލަންޑަރަށް އައި ބަދަލާއެކު އިމްތިހާނު ވަނީ އޮކްޓޯބަރު/ނޮވެމްބަރަށް ބަދަލުކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި މޭ/ޖޫން އިމްތިހާނު ނުބާއްވާތީ އެ އިމްތިހާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރުކުރުމަށާއި ހުރުމުގެ ޚަރަދަށް އެވްރެޖްކޮށް 30,000 ޑޮލަރަށް ވުރެ ގިނަ ފައިސާ ހޭދަކުރަން ޖެހޭކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޭލެވެލް އެޑެކްސެލްގެ މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް މިއަހަރުން ފެށިގެން އޭލެވެލް އެޑެކްސެލް މޭ/ޖޫން ސިރިސްގެ އިމްތިހާނުތައް ރާއްޖޭގައި އަލުން ބާއްވާގޮތަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލާއެކު، އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީޒާ ގުޅޭ އިތުރު މައުލޫމާތުތައް އަންނަ ބުދަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އިން އާންމުކުރަމުން ގެންދާނެ އެވެ. ނަމަވެސް، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އޭލެވެލް އިމްތިހާނު މިހާރެކޭވެސް އެއްގޮތަށް އޮންނާނީ އޮކްޓޫބަރު/ނޮވެމްބަރު މަހުގައި ކަމަށް މިނިސްޓްރީން ބުންްޏެވެ.