ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ރަސްމީކޮށް ފަށްޓަވައިދެއްވައިފި އެވެ.
މިކަމަށްޓަކައި ފިޔޯރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާއިރު، ސަރުކާރުން މަޝްރޫޢުގެ ފަރުމާއަށް ބޮޑެތި އަދި މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކުރިން ރޭވިފައި އޮތް 1,500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ގާބިލުކަން 3,000 މެޓްރިކް ޓަނަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ. އަދި ދުވާލަކު 100 ޓަނުގެ މަސް ދަޅުގައި ބަންދުކުރާ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފައްދާ ފިޝްމީލް ޕްލާންޓެއް މި މަޝްރޫޢުގެ ދަށުން ގާއިމުކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.
މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް، ކަނޑައަޅާފައިވާ މުއްދަތައް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން މި މަސައްކަތް ހަވާލުކޮށްފައިވާ ސޭން ޕްރައިވެޓު ލިމިޓެޑުން ދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.