Last Updated: June 8, 19:00
Monday, June 8, 2026
ޚަބަރު

ބޮޑެތި މަޝްރޫއުތައް ފެށި، ތަރައްގީގައި އަތްލެވެން ފަށައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކާއި އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި މަޝްރޫއުތައް ފެށި، ތަރައްގީގައި އަތްލެވެން ފަށާފައިވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ގދ. ފިޔޯރީގައި ގާއިމުކުރާ މަސް ފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދަށް ހީނުކުރާ ވަރުގެ ބޮޑެތި ލޮޅުންތައް ހުރީ އައިސްފައި ކަމަށާއި ނަމަވެސް ރައީސް މުއިއްޒު ހިކުމަތްތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުން މިއަދު ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްގީގައި އަތްލެވެން ފަށާފައިވާ ކަމަށެވެ.

"މިހާ ބޮޑެތި މަސައްކަތްޕުޅުތަކެއް އެމަނިކުފާނު ފުރަތަމަ ދުވަހުން ފެށިގެން ފެއްޓެވީ. އެއާއެކީގައި މިއަދާ ހަމައަށް އައިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތައް އެމަނިކުފާނު ވައުދުފުޅާ އެއްގޮތަށް މިއަދު މިވަނީ ފެއްޓެވިފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ކަންކަން ކުރެއްވުމުގައި ވަގުތު ނެންގެވިކަމުގައި ވިޔަސް ރައީސް މުއިއްޒު މަސައްކަތް ކުރައްވާނީ ރައްޔިތުންނާ އެންމެ ފައިދާހުރި ގޮތަކަށް އަދި އެ މަޝްރޫޢަކުން ހަޤީގީ މަންފާ ލިބޭނެ ގޮތަކަށް ކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް އޭރުވެސް އަދި މިހާރު ވެސް ސަރުކާރުން އަޑުއަހާނެ ކަމަށާއި އެއީ ސަރުކާރުން އިސްކަން ދޭނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާއިރު، ސަރުކާރުން މަޝްރޫޢުގެ ފަރުމާއަށް ބޮޑެތި އަދި މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކުރިން ރޭވިފައި އޮތް 1,500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ގާބިލުކަން 3,000 މެޓްރިކް ޓަނަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ. އަދި ދުވާލަކު 100 ޓަނުގެ މަސް ދަޅުގައި ބަންދުކުރާ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފައްދާ ފިޝްމީލް ޕްލާންޓެއް މި މަޝްރޫޢުގެ ދަށުން ގާއިމުކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތައް، ކަނޑައަޅާފައިވާ މުއްދަތައް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން މި މަސައްކަތް ހަވާލުކޮށްފައިވާ ސޭން ޕްރައިވެޓު ލިމިޓެޑުން ދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.