ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި 1611 ފަރާތަކަށް ކެންޑިޑަސީ ގަބޫލުކުރި ކަމުގެ ލިޔުން ދޫކޮށްފައިވާ ކަމަށާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި (ޑަބްލިޔުޑީސީ) ވާދަކުރަން 1383 ފަރާތަކަށް ކެންޑިޑެސީ ގަބޫލުކުރިކަމުގެ ލިޔުން ދޫކޮށްފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލް އިންތިހާބަށް ޕީއެންސީން 665 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އިދިކޮޅު އެމްޑީޕީން ކުރިމަތިލާފައިވަނީ 495 ކެންޑިޑޭޓުންނެވެ. އަދި އަމިއްލަ ގޮތުން 401 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ.
މީގެއިތުރުން އެމްޑީއޭއިން 31 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 8 ކެންޑިޑޭޓުން، ދަ ޑިމޮކްރެޓްސްއިން 8 ކެންޑިޑޭޓުން އަދި އަދާލަތު ޕާޓީން 3 ކެންޑިޑޭޓުން ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފަ އެވެ.
ޑަބްލިއުޑީސީގެ އިންތިހާބުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ޕީއެންސީންނެވެ. އެ އިންތިހާބުގައި ވާދަކުރަން ޕީއެންސީގެ 658 ފަރާތަކަށް ކެންޑިޑެސީ ދީފައިވާއިރު، އެމްޑީޕީގެ 417 ފަރާތަކަށް ވަނީ ކެންޑިޑެސީ ދީފަ އެވެ. މީގެ އިތުރުން އެމްޑީއޭއިން 28 ފަރާތެއް، ޖުމްހޫރީ ޕާޓީން 7 ފަރާތެއް، އަދާލަތު ޕާޓީން 6 ފަރާތެއް އަދި އަމިއްލަ ގޮތުން 267 ފަރާތަކުން ކެންޑިޑެސީ ގަބޫލުކުރިކަމުގެ ލިޔުން ދީފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.