ސިވާކު ކުރުމުގެ އެންމެ މުހިއްމު ފައިދާއަކީ ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން (ދުނިޔޭގައި) އަނގަޔަށް ޠާހިރުކަން ލިބުމާއި (އާޚިރަތުގައި) ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދަތްއުނގުޅާ މީހާއަށް ލިބުމެވެ. މުސްލިމް އަޅާ މި ސުންނަތުގެ މަތީގައި ދެމިހުރުމަކީ އެދެވިގެންވާ ކަމެކެވެ. މިކަމުގައި މިވާ ބޮޑެތި ފައިދާތަކަށްޓަކައި މިކަން ދޫކޮށްލައިގެން ނުވާނެ އެވެ.
މުސްލިމުންގެ ތެރެއިން ބައެއް މީހުން މި ސުންނަތް އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވެ އެވެ. މަހެއް ދެ މަސް ވެސް ބައެއް މީހުން ސިވާކު ނުކޮށް ހިނގައިދާ ނެއެވެ. ކަންނެތްކަމުން ނުވަތަ އެކަމުގެ އަޖުރު ނޭނގުމުގެ ސަބަބުންނެވެ.
އެފަދަ މީހުން އެ މަޙްރޫމުވީ ވަރަށް ގިނަ އަޖުރުންނެވެ. އަދި ވަރަށް ގިނަ ފައިދާތަކުން ވެސް މެ އެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ސުންނަތެއްގެ މަތީގައި ދެމިހުންނެވި މި ސުންނަތް ދޫކޮށްލުމުގެ ސަބަބުންނެވެ. އެއީ އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ބުރަ ކަމަކަށް ނުވާ ނަމަ އުއްމަތަށް ވާޖިބުކަމުގެ އަމުރު އައުން ކައިރިވެފައިވީ ކަމެކެވެ.
ސިވާ ކުކުރުމުގެ އެހެނިހެން ފައިދާތަކުގެ ތެރޭގައި ދަތްތައް ވަރުގަދަވުމާއި، ހިރުގަނޑު ވަރުގަދަވުމާއި، އަޑު ރީތިވުމާއި، މީހާ އަށް ތާޒާކަން ގެނެސްދިނުން ހިމެނެ އެވެ.
ސިވާކުގެ ޙުކުމް
ދަތް އުނގުޅުމަކީ ދަނޑިކޮޅެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ދަތް އަދި ހިރުގަނޑު ސާފުކުރުމެވެ. އެއީ އޭގައި ހަރުލާފައި ހުންނަ ކާއެއްޗިއްސާއި ވަސް ފިލުވާލުމަށްޓަކަ އެވެ.
ހުރިހާ ވަގުތެއްގައި ވެސް ދަތް އުނގުޅުމަކީ ސުންނަތް ކަމެކެވެ. ރޯދަވެރިޔާ ރޯދަޔަށް ހުރެގެން ވެސް އެއީ ދުވާލުގެ ކުރީކޮޅުކަމުގައި ވިޔަސް އަދި ދުވާލުގެ ފަހުކޮޅު ކަމުގައިވިޔަސް މައްސަލައެއް ނެތެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޠުލަޤު ގޮތެއްގައި ބާރުއަޅުއްވާފައިވާ ކަމެކެވެ. ވަކި ވަޤުތެއް ކަނޑަނާޅުއްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ)) [أخرجه البخاري في كتاب الصوم 2/ 40 معلقاً بصيغة الجزم، ورواه أحمد (6/ 47)، والنسائي (1/ 10). وصححه الألباني في الإرواء (1/ 105).]
މާނައީ: “ދަތްއުނގުޅުމަކީ އަނގައަށްވާ ޠާހިރުކަމެކެވެ. ﷲގެ ޙަޟުރަތުންވާ ރުއްސެވުމެކެވެ.”
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ.
((لَوْلاَ أَنْ أَشُقَّ عَلَى أُمَّتِيْ َلأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلاَةٍ)) [متفق عليه: البخاري برقم (887)، ومسلم في كتاب الطهارة برقم (252).]
މާނައީ:”ތިމަންކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ބުރަކަމެއް ކަމުގައި ނުވާ ނަމަ ނަމާދު ކުރާ ކޮންމެ ފަހަރަކު ދަތް އުނގުޅުމަށް އެބައިމީހުންނަށް ތިމަންކަލޭގެފާނު އަމުރު ކުރެއްވީމުހެވެ.”
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.