ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް އެންމެ ގޮނޑިއެއް ވެސް ދިނުމުގެ ބޭނުމެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ ޕީއެންސީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ލިބިއްޖެނަމަ، ކައުންސިލްތައް ބަދަލުވާނީ ރައީސް އޮފީހުގެ ޑިޕާޓްމެންޓަކަށް ކަމަށާއި ލޯކަލް ކައުންސިލްގެ މުޅި މަހްފޫމް ދިޔައީ ކަމަށެވެ. އަދި ހަރަދު ކުޑަކުރުމުގެ ނަމުގައި އަތޮޅު ކައުންސިލްތައް އުވާލި ނަމަވެސް ހަގީގީ ބޭނުމަކީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންތައް މެދުވެރިކޮށް އަތޮޅުތައް ހިންގުން ކަމަށެވެ.
"އެ ސަކަރާތް ޖަހަން އެ އުޅެނީ. އެކަމަކަށް ފުރުސަތު ދޭނެ ކަމެއް ނެތް. އަޅުގަނޑުމެން އެއްގޮތަކަށް ވެސް އެންމެ ގޮނޑިއެއް ވެސް ޕީއެންސީއަށް ދިނުމުގެ ބޭނުމެއް ނެތް ރައްޔިތުންގެ ތަރައްގީ ބޭނުންވާނަމަ، ރައްޔިތުން ކުރިއެރުން ބޭނުންވާނަމަ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، މިހާރު ރާއްޖެ މި އޮތީ ޒުވާނުންގެ އަތް މަތީގައި ކަމަށާއި ކައުންސިލް އިންތިހާބަކީ ދެފުށްފެންނަ ގޮތަކަށް ވޯޓުލާން ލިބޭ ފަހު ފުރުސަތަށް ވެސް ވެދާނެ ކަމަށެވެ. ރާއްޖޭގެ ކަންކަން މިހާރު މިސްރާބު ޖަހާފައި ހުރީ ސަރުކާރުން ބޭނުންވާ ގޮތަށް 'ރިމޯޓަށް ފިތުމުން ކަން ހިނގާ ގޮތަށް' ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީން "އެންމެ އިންޗެއް" ވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި ސަރުކާރަށް ހިތުހުރި ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.