އިންޑިއާގެ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ "ދުރަންދަރު" ގެ ދެވަނަ ބައިގެ ޕޯސްޓަރާއި ޓީޒާ ދައްކާލައިފި އެވެ.
ދެވަނަ ބައި ގެނެސްދޭނީ އަންނަ މަހުގެ 19 ގައި ކަމަށެވެ. ޑިސެމްބަރުގައި ރިލީޒްކުރި "ދުރަންދަރު" އާ ހިލާފަށް މީގެ ދެވަނަ ބައި "ދުރަންދަރު: ދަ ރިވެންޖް" ހިންދީ ބަހުގެ އިތުރުން އިންޑިއާގައި ވާހަކަ ދައްކައި އުޅޭ އެހެން ބަސްތަކުން ވެސް ގެނެސްދޭން ނިންމާފައިވެ އެވެ.
މި އެކްޝަން ސްޕައި ތުރިލާ އަކީ ޑައިރެކްޓަރު އަދިތިޔާ ދާރުގެ ދެވަނަ ޑައިރެކްޝަނެވެ. ފުރަތަމަ ފިލްމު 2019 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެނެސްދީގެން ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ޑައިރެކްޓަރަކީ ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ އެވެ.
ޑިސެމްބަރު މަހުގެ 5 ގައި ސިނަމާތަކަށް ގެނައި މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި–1,428 ކްރޯޑް ރުޕީސް (158.1 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވާ އިރު، ފިލްމުގެ ދެ ބައި ހަދާފައި ވަނީ 475 ކްރޯޑް ރުޕީސް (52 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
"ދުރަންދަރު" ގެ މައިގަނޑު ކާސްޓުންނަކީ ރަންވީރުގެ އިތުރުން އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު، އާރް މާދްވަން އަދި ޒުވާން ބަތަލާ ސާރާ އަރުޖުން އެވެ.
މިދިޔަ މަހުގެ 30 ގައި މި ފިލްމު ނެޓްފްލިކްސް އަށް ދޫކޮށްލުމާ އެކު ވަރަށް ވަރަށް ގިނަ ގައުމުތަކުގައި ފިލްމު ޓްރެންޑްވެފައިވެ އެވެ.