Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ރާއްޖޭގެ 52 ދަނޑުވެރިޔަކު ލަންކާ އަށް

ތަމްރީނު ޕްރޮގްރާމަކަށް ރާއްޖޭގެ 52 ދަނޑުވެރިޔަކު ސްރީ ލަންކާ އަށް ފުރައިފި އެވެ.

ބައިވެރިން ފުރުމުގެ ކުރިން އެގްރިކަލްޗަ މިނިސްޓްރީން އެ މީހުންނާ އެކު އިއްޔެ ވަނީ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.

މިއީ މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގަމުން އަންނދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ލިބުނު ފުރުސަތެކެވެ.

އެޑްވާންސްޑް ހޯޓިކަލްޗަ އެކްސްޕޯޝާ ޓްރެއިނިން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 13 އާ ހަމައަށެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތެރޭގައި އެންމެ ޒަމާނީ ގްރީން ހައުސްގައި ދަނޑުވެރިކަން ކުރާ ގޮތުގެ މަޢުލޫމާތާއި އަދި އަމަލީ ގޮތުން މަސައްކަތްކުރުމުގެ ފުރުޞަތ ވެސް ބައިވެރިންނަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ހޯޓިކަލްޗާ އެކްޕޯޝަ ތަމްރީނުގެ ބައިވެރިންގެ ގޮތުގައި ހިމެނެނީ މެޕްގެ ފަރާތުން ކުރިއަށް ގެންދެވުނު ލީޑް ފާމާ ތަމްރީނު ނުވަތަ އިސްދަނޑުވެރިންގެ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ބައިވެރިންނާއި މެޕްގެ ފަރާތުން ދަނޑުވެރިންނަށް ހުޅުވައިލި ގްރާންޓް، ދަނޑުވެރި މަންފާގެ ދަށުން، އެ ގްރާންޓް ލިބި އަމިއްލަ ގްރީން ހައުސްތަކުގައި ދަނޑުވެރިކަން ކުރަން ފަށައިވާ ދަނޑުވެރިންނެވެ.

މިނިސްޓްރީން ބުނީ މެޕްގެ ދަށުން 12 ރަށެއްގައި ގްރީންހައުސް އިންސްޓޯލްކޮށްގެން ކްލައިމެޓް ސްމާޓް ނުވަތަ ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަންވަނީ ތަޢާރަފުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ދަނޑުވެރިންތަލަށް ލަންކާ އަށް ފެށި ތަމްރީނު ދަތުރަކީ އެހާ ގިނަ ބައިވެރިންނާ އެކު ރާއްޖެއިން ބޭރުގައި ކުރިއަށް ގެންދެވޭ ފުރަތަމަ ތަމްރީނު ދަތުރެވެ.