Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އަލުން ވާދަ ކުރަނީ ބޭނުންވާ ކަންކަން ހާސިލުކޮށް ދޭން

ހިތަދޫގެ ބަޔަކާ އެކު ޝުއާއު.

އައްޑޫ ސިޓީ ކައުންސިލަށް އަލުން ވާދަކުރައްވަން ނިންމެވީ ލިބިފައިވާ އިލްމާއި ހިލްމާއި ތަޖުރިބާގެ އަލީގައި އައްޑޫގެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށް ދެއްވުމުގެ އުންމީދުގައި ކަމަށް މިހާރުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވެއްޖެ އެވެ.

އޭނަ ކައުންސިލަށް ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގައި މިހާރު ވެސް ތަމްސީލު ކުރައްވާ މެދުވަލު ދާއިރާއަށެވެ.

ޝުއާއު އަލުން ކައުންސިލަށް ވާދަކުރައްވާ އިރު އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް އެމްޑީޕީ ޓިކެޓް ހިތަދޫ މެދު ދާއިރާ އަށް ވާދަކުރެއްވި އެވެ. އެ އިންތިހާބުގައި ޝުއާއު ބަލިކުރައްވައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީން ވާދަކުރެއްވި އަހުމަދު އަޒާނެވެ.

ޝުއާއު ކައުންސިލަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ އިރު، އޭނަ ވިދާޅުވީ މި ފަހަރުގެ ކައުންސިލް އިންތިހާބަކީ މި ސަރުކާރުގެ ފޭރުމާއި، ހުއްޓުވުމާއި، ބައިބައި ކުރުމާ ދެކޮޅަށް ތެދުވެ، އަލުން އެންމެން އެކީގައި ކުރިއަށް ދާން ޖެހޭ އިންތިހާބެއް ކަމަށެވެ. ޝުއާއު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި އައްޑޫގައި ކުރިން ފެށިފައި ހުރި އެތައް ޕްރޮޖެކްޓެއް މި ސަރުކާރު އައި ފަހުން ހުއްޓިފައިވާކަން ފާހަގަ ކުރައްވައި އެތައް ކަމެއް މި ސަރުކާރުން ފޭރިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

"[އެހެންވީމަ] އަޅުގަނޑުމެން އެންމެން އެކީގައި ނުކުމެ [މި ސަރުކާރަށް] ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ،" ޝުއާއު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ހައްގު މިންވަރު ލިބިގަތުމަށްޓަކައި އަލުން މި މަސައްކަތް ކުރަން އެބަޖެހޭ."

އޭނަ ވިދާޅުވީ އައްޑޫގެ ކޮންމެ ރައްޔިތެއްގެ އިހުސާސްތަކާއި ކޮންމެ ރައްޔިތަކަށް ލިބޭ ދެރަ އަކީ އޭނަ އަށް ވެސް ލިބޭ ދެރައެެއް ކަމަށެވެ.

ޝުއާއުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަށް މިހާރު ވެސް ތިއްބެވި ބައެއް އެހެން ކައުންސިލަރުން އެ ބޭފުޅުން ތަމްސީލު ކުރައްވާ ދާއިރާތަކަށް ވާދަކުރައްވަ އެވެ. އޭގެ ތެރޭގައި މޭޔަރު އަލީ ނިޒާރާއި ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒާއި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރާއި މާމެންދޫ ދާއިރާގެ ކައުންސިލަރު އަމިނަތު އަދާލާ އާއި ބޭރުމަތި ދާއިރާގެ ކައުންސިލަރު މަރިޔަމް ސައީދާ އެވެ.

މި އެންމެން ވެސް ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގަ އެވެ.

ޝިނާޒާއި ސައީދާ މިހާރު އޮތް ކައުންސިލަށް ހޮވުނީ އިންތިހާބަކާ ނުލަ އެވެ.

މިހާރު ތިއްބެވި ކައުންސިލަރުންގެ ތެރެއިން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންްސިލަރު އަހުމަދު ސައީދު ދެވަނަ ދައުރަކަށް މި ފަހަރު ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓްގަ އެވެ.

އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި އައްޑޫގެ ދެ އަވަށެއްގައި ރަށު ކައުންސިލް އިންތިބާހު ކުރާނެ އެވެ. ހުޅުދު އާއި މީދޫ ސިޓީ ކައުންސިލުން ވަކިވާން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުންނެވެ.