ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު ރޯހިތު ޝެޓީގެ 'ގޯލްމާލް 5' ގެ ވިލަންއެއްގެ ރޯލު އަކްޝޭ ކުމާރު ކުޅޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފްރެންޗައިޒަކީ ގާތް އެކުވެރިޔާ އަޖޭ ދޭވްގަނާ އެކު ރޯހިތު ގެނެސްދެމުން އަންނަ ވަރަށް މަގުބޫލު ކޮމެޑީ ފްރެންޗައިޒެކެވެ.
މީޑިއާތަކުން ބުނީ މި މަހުގެ ފަހުކޮޅު 'ގޯލްމާލް 5' ގެ ޝޫޓިން ފަށާ އިރު، މީގެ ވިލަންގެ ރޯލަށް އަކްޝޭ އެއްބަސްވެފައިވާ ކަމަށެވެ. އޭނަ ކުރިން ވެސް ރޯހިތާ އެކު މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ރޯހިތުގެ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ 'ސޫރިއަަވަންޝީ' ގެ ބަތަލަކީ އަކްޝޭ އެވެ.
އަދި އަޖޭއާ އެކު ގެނެސްދިން އެ ޔުނިވާސްގެ 'ސިންގަމް' ފްރެންޗައިޒްގެ ތިން ވަނަ ބައި ކަމަށްވާ 2024 ގެ 'ސިންގަމް އެގެއިން' ގެ ރޯލެއް ވެސް އަކްޝޭ ކުޅެފައިވެ އެވެ.
މުމްބާއީގެ ފިލްމު ސިޓީގައި 'ގޯލްމާލް 5' ގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ އިރު، މީޑިއާތަކުން ބުނީ މީގެ ދެ ދުވަސް ކުރިން ބަޔަކު ރޯހިތުގެ ގެއަށް އަމާޒުވާ ގޮތަށް ދިން ބަޑީގެ ހަމަލާތަކާ ގުޅިގެން، ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ނިންމާފައި ވަނީ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށްގެން ކަމަށެވެ.
އަޖޭއާ އެކު 'ގޯލްމާލް 5' ގެ ކާސްޓްގައި ހިމެނޭ އެކްޓަރުންގެ ތެރޭގައި އަރުޝަދު ވަރްސީ އާއި ތުޝާރް ކަޕޫރާއި ޝްރެޔަސް ތަލްޕަޅޭ ހިމެނެ އެވެ. އަދި "ގޯލްމާލް" ގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރުން ކަމަށްވާ ކުނާލް ކޭމޫ އާއި ޝަރުމަން ޖޯޝީ ވެސް އާ ބައިގައި ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
'ގޯލްމާލް 5' ގެ ބަތަލާއިންގެ ތެރޭގައި ކަރީނާ ކަޕޫރާއި އޭނަގެ ދޮންދަރި ސާރާ އަލީ ޚާން ހިމެނޭ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.
'ގޯލްމާލް' ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "ގޯލްމާލް އެގެއިން" އެވެ. "ގޯލްމާލް" ގެ ފުރަތަމަ ފިލްމު ރިލީޒްކުރީ 2006 ގަ އެވެ. އޭގެ ފަހުން 2008 ގައި "ގޯލްމާލް ރިޓާންސް" ގެނެސްދިނުމަށް ފަހު "ގޯލްމާލް 3" ރިލީޒްކުރީ 2010 ގަ އެވެ.