Last Updated: June 5, 22:30
Friday, June 5, 2026
ދުނިޔެ

ޑަލައި ލާމާ އަށް ގްރެމީ ދިނުމުން ޗައިނާ ރުޅިގަދަވެއްޖެ

ޓިބެޓަށް ނިސްބަތްވާ ބުޑިސްޓް ރޫހާނީ ލީޑަރު ޑަލައި ލާމާ އަށް ގްރެމީ އެވޯޑް ދިނުމުން ޗައިނާ އިން ރުޅިގަދަވެއްޖެ އެވެ.

އާދީއްތަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގައި ބޭއްވި 68 ވަނަ ގްރެމީ އެވޯޑްސްގައި ޑަލައި ލާމާ، 90 އަށް އެވޯޑް ލިބުނީ އޯޑިއޯބުކް ކެޓަގަރީން އޭނަގެ މެޑިޓޭޝަންސް: ދަ ރިފްލެކްޝަން އޮފް ހިޒް ހޮލިނެސް ދަ ޑަލައި ލާމާ އަށެވެ.

ޑަލައި ލާމާ ގްރެމީ އެވޯޑް ދިނުމާ ގުޅިގެން ޗައިނާ އިން ބުނީ އެ އެވޯޑަކި އާޓިސްޓުންގެ ހުނަރު ފާހަގަކޮށްދޭ އެވޯޑެއް ކަމަށާއި ޑަލައި ލާމާ އަށް އެވޯޑް ދިނީ ޗައިނާއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، އެ ގައުމަށް ފުރައްސާރަ ކުރުމުގެ ގޮތުން ކަމަށެވެ.

އެހެންވެ ޑަލައި ލާމާ އަށް ދިން އެވޯޑަކީ ސިޔާސީ ބޭނުމެއްގައި ދިން އެވޯޑެއް ކަމަށް ޗައިނާ އިން ބުންޏެވެ.

އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިއަން ޖިއަން ބޭއްވި ނޫސް ކޮމްފަރެންސެއްގައި ވިދާޅުވީ ގްރެމީ ފަދަ އެވޯޑް ހަފުލާތައް ސިޔާސީވެ، އެފަދަ އެވޯޑްތަކުގެ މަގުސަދުތަކުން ވެސް މިހާރު ބޭރުވަމުންދާ ކަމަށެވެ.

"ޑަލައި ލާމާ އަށް ދިން އެވޯޑަކީ އޭގެ ވަރަށް ބޮޑު ހެއްކެއް. މިކަން ބަލައެއް ނުގަންނާނަން. އަދި އާޓްގެ ދާއިރާ އަކީ ޗައިނާއާ ދެކޮޅަށް ބޭނުންކުރާ ޓޫލަކަށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." އޭނަ ވިދާޅުވި އެވެ.

މިއުޒިކީ ދާއިރާ އިން ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގްރެމީ އަކީ ރެކޯޑިން އެމެރިކާގެ ދަ އެކަޑެމީން ދޭ އެވޯޑެކެވެ.

ޑަލައި ލާމާގެ ފަރާތުން ގްރެމީ އެވޯޑާ ހަވާލުވީ އޯޑިއޯބުކްގައި ހިއްސާވި މިއުޒިޝަން ރޫފަސް ވެއިންރައިޓެވެ.

ޓިބެޓްގެ މިނިވަންކަމަށް ކުރި މަސައްކަތުގެ ސަބަބުން ޗައިނާގެ އަތްދަށުން ސަލާމަތްވުމުގެ ގޮތުން ޑަލައި ލާމާ ދިރިއުޅެމުން އަންނަނީ އިންޑިއާގެ ދަރަމްޝާލާގަ އެވެ. އޭނަ އަށް 1989 ނޯބެލް އިނާމު ވެސް ލިބިފައިވާ ލީޑަރެކެވެ.