މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ގދ. ތިނަދޫ އިންޖީނުގެ އަނދައި ހުލިވުމާއި ގުޅިގެން އެރަށައް ވަގުތީ ކަރަންޓް ދިނުމަށް މާލެއިން ގެނައި 1 މެގަވޮޓްގެ ދެ ޖަނަަރޭޓަރު ސެޓް ތިނަދޫއަށް ގެނެސްފިއެވެ.
ތިނަދޫގައި ހުރި "އައްޑޫލައިވް" ކަރެސްޕޮންޑް ބުނީ އެސްޓިއޯގެ ކޮޅުވެއްޓިއެއްގައި ގެނައި ދެ ޖަނަރޭޓަރު ސެޓް ބޭލުމުގެ މަސައްކަތް ތިނަދޫ ފެނަކައިގެ މުވައްޒަފުން ކުރަމުން އަންނަ އިރު ޖަނަރޭޓަރު ނުބޭލިގެން އުޅެނީ ދިޔަވަރު ހިކި ކަމުން ކަމަށެވެ.
"ހެނދުނު 7:30 ހާއިރު ކޮޅުވެއްޓި ތިނަދޫއަށް ކައިރކޮށްފި. ނަމަވެސް ދިޔަވަރު ހިކި ކަމުން އަދި އުޅެނީ ރަށައް ބޭލޭގޮތް ނުވެގެން. ބެލެވެނީ މެންދުރުފަހަށް ބޭލޭނެކަމަށް"

އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯއިން ފޮނުވި ދެ ޖަނަރެޓަރުގެ ތެރެއިން އެއްޖަނަރޭޓަރު ހުރީ ޕެނަލްބޯޑާއި ޓްރާންސްފޯމާއި އެކުއެވެ.
"ފެނަކައިން ބުނަނީ އިންޖީނު ބޭލުމާއި އެކު ކަރަންޓް ގްރިޑަށް ގުޅުމުގެ މަސައްކަތް ފަށާނެކަމަށް، އެމީހުން ބުނަނީ މިރޭގެ ގަޑިއެއްގައި ކަރަންޓް ދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް. ނަމަވެސް އެއަށްވުރެ ލަސްވެސް ވެދާނެ"
ހޯމަ ދުވަހުގެ ރެއިން ފެށިގެން ތިނަދޫގައި ކަރަންޓް ނެތް އިރު ރަށުގެ ރައްޔިތުން އުޅެމުން ދަނީ ވަރަށް ދަތިހާލުގައެވެ. ނަމަވެސް މިފަދަ ދަނޑިވަޅެއްގައިވެސް ތިނަދޫ ރައްޔިތުންގެ ފަރާތުން ފެންނަމުން ދަނީ ކެތްތެރިކަމާއި ހިތްވަރު ކަމަށް "އައްޑޫލައިވް" ކަރެސްޕޮންޑެންޓް ބުންޏެވެ.
ގދ. ތިނަދޫއަށް ދިމާވެފައިވާ ހާދިސާ އަޢި ގުޅިގެން ދިރާގު، އުރީދޫ، އެމްޑަބްލިއުއެސްސީ، މޯލްޑިވިއަން އަދިވެސް އިތުރު ތަންތަނުން ދަނީ ތަފާތު އެހީތައް ތަނަދޫ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.