ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ދަތުރަކީ ޖަރުމަންތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރެއް ކަމަށެވެ. އެ ދަތުރު ހަމަޖެހިފައި ވަނީ މަހުގެ 9-13 އަށެވެ.
މި ދަތުރުގައި ރައީސް ޖުމްހޫރިއްޔާ، ޖަރުމަންގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ.
ރައީސްގެ މިދަތުރުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަސިޓީ އަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާ ކުރައްވައި އެ ޔުނިވަސިޓީގައި ތަޤުރީރުކުރައްވާނެ އެވެ. އަދި ޖާމަން ކައުންސިލް ފޮ ފޮރިން ރިލޭޝަންސަށް ވެސް ޒިޔާރަތް ކުރައްވައި އެތަނުގައި ވެސް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
މި ދަތުރުގައި ރައީސް ގެ އަރިހުގައި މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ދަތުރުގައި ޖަރުމަންގައި ބިޒްނަސް ފޯރަމެއް ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ .އޭގައި ދެޤައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މަޢުލޫމާތު ދެއްވާނެ އެވެ.
ރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 5، 1966 ގަ އެވެ.