Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޕެންޝަން ފަންޑުން ފައިސާ ނެގުމަކީ ބޮޑު ގޯހެއް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި, އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑަކީ ވަޒީފާ އަދާކުރާ މީހާގެ މުސާރައިގެ 14 ޕަސެންޓް ޖަމާކުރާ ފަންޑެއް ކަމަށާއި ވަޒީފާ އަދާކުރާ މީހާ ދޭ 7 ޕަަސެންޓާއި ވަޒީފާ ދޭ މީހާ ދޭ 7 ޕަސެންޓް ޕެންޝަން ފަންޑުގައި ރައްކާކުރަނީ ދޮށީ އުމުރުގައި ޕެންޝަނެއްގެ ގޮތުގައި ދިނުމަށް ކަމަށެވެ.

"މިއީ އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް. ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ވަރަށް ބޮޑު ގޯހެއް،" ނަޝީދު ވިދާޅުވި އެވެ.

ޝީދު ވިދާޅުވީ ކޮންމެ މަހަކު ޕެންޝަނަށް ދޭ ފައިސާ ކަނޑާފައި ބާކީ ފައިސާ ފައިދާ ހުރި ކަމަކަށް އިންވެސްޓްކުރުން ރަނގަޅު ކަމަށެވެ. ނަމަވެސް ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓް ހަރަދަކަށް އެ ފައިސާ ހަރަދުކޮށްގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރުމަށް އެދިވަޑައިގެން ނަޝީދު ވިދާޅުވީ ރާއްޖެ ދަނީ ކަނު ބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން ކަމަށެވެ.