ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމުން ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ޕެންޝަން އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ހުށަހަޅާފައިވަނީ ޑުއަލް ކަރަންސީ ނުވަތަ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ލިބޭ 2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓް ކުރުމަށެވެ. އަދި މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލުމަށްފަހު ލިބޭ ފައިސާއިން ކަމަށް ބަޔާނުގައިވެ އެވެ.
މި އިންވެސްޓްމަންޓާ ގުޅޭގޮތުން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުންތައް ނިންމާފައިވަނީ ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ކަމަށާއި މިގޮތުން، އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް، ފަންޑުގެ ވިލުންވެރިކަން ހަރުދަނާކުރުމަށް ކޮންސަލްޓަންޓުން ދީފައިވާ ލަފަޔާ އެއްގޮތަށް، އިންވެސްޓްމަންޓުގެ ފައިދާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށް އެ އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުން ބުނި ގޮތުގައި މި މުޢާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމަށެވެ. އޭގެއިތުރުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބައެއް ޓްރެޜަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑަށް ބަދަލުކުރުމުގެ ފުރުޞަތު ލިބި، ޕޯޓްފޯލިއޯ ރިޓާން އިތުރުވެގެންދާނެ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެ އެވެ.
ޕެންޝަން އޮފީހުން މިހެން ބުނެފައިވާއިރު ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި, އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.