މީގެ ހައެެއްކަ އަހަރު ކުރިން ދަންޖެހިގެން ބޮލީވުޑްގެ އެކްޓަރު ސުޝާންތު ރާޖްޕޫތު މަރުވި ހާދިސާއާ ގުޅިގެން ތުހުމަތުތަކެއް ކުރެވި ޖަލުގައި ވެސް ދުވަސްތަކެއް ހޭދަ ކުރަން ޖެހި، ފިލްމީ ކެރިއަރު ހުއްޓުމަކަށް އައި ބަތަލާ ރިއާ ޗަކްރަބަތީ އަލުން ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވާން ފަށައިފި އެވެ.
ނެޓްފްލިކްސް އިން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ އިންޑިއާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން މިއަދު މުމްބާއީގައި ބޭއްވި އިވެންޓެއްގައި ވަނީ ރިއާގެ އާ ޕްރޮޖެކްޓަކީ 'ފެމިލީ ބިޒްނެސް' ކަން އިއުލާންކޮށްފަ އެވެ. ހެންސަލް މެހެތާ ޑައިރެކްޓްކުރާ މި ސީރިޒްގެ ކާސްޓްގައި އަނިލް ކަޕޫރާއި ވިޖޭ ވަރުމާ ވެސް ހިމެނެ އެވެ.
މީގެ ޓީޒާއެއް ވެސް މިއަދު ދައްކާލާފައިވާ އިރު، މިއީ އާއިލީ ގުޅުމާއި ކޯޕަރޭޓް މުއާމަލާތްތަކެއްގެ މަސްހުނި، ޝައުގުވެރި ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ.
ޖޫން 14، 2020 ގައި މަރުވި އިރު، ސުޝާންތު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރިއާ، 33، އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2021 ގައި ގެނެސްދިން 'ޗެހެރޭ' އެވެ. އޭނަގެ ފުރަތަމަ ހިންދީ ފިލްމަކީ 2013 ގެ 'މޭރޭ ޑޭޑް ކީ މަރޫޓީ' އެވެ.
ފިލްމީ ކެރިއަރު އަޑިއަޅާލި ފަހުން 2023 އާއި މިދިޔަ އަހަރު އެމްޓީވީގެ މަޝްހޫރު ރިއަލިޓީ ޝޯ 'ރޯޑީސް' ގެ ގޭންގް ލީޑަރެއްގެ ގޮތުގައި ރިއާ މަސައްކަތްކޮށްފައިވެ އެވެ.