ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.
އީސީން ބުނީ މިއަދު މި އެއްބަސްވުމާއެކު ކޮމިޝަނުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބި، ވަރަށް ގިނަ ކަންކަމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، އިންތިޚާބުގެ މަސައްކަތްތަކާއި، އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި ގަވައިދުތައް ތަންފީޛުކޮށް ނެގެހެއްޓުމާއި، އިންތިޚާބާ ގުޅިގެން ކޮމިޝަނުން ކުރާ ލޮޖިސްޓިކް މަސައްކަތްތަކާއި، އިންތިޚާބުގެ އެކި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށް ދިނުމުގެގޮތުން ކޮމިޝަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، އަދި އިންތިޚާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ކޮމިޝަނުގެ ފަރާތުން އެހީތެރިކަމަށް އެދިއްޖެ ކަމެއްގައި، އެކަމެއް ކުރުމުގައި ފުލުހުންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން، ލިބިގެންދާނެ ކަމަށް އީސީން ބުންޏެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.