ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
ތިލަދުންމަތީ ދެކުނުބުރީ ހދ. އަތޮޅު ކައުންސިލުން އެދިވަޑައިގެން އެ ކައުންސިލާއެކު، މިއަދު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާޙާ ގުޅިގެން އަތޮޅު ކައުންސިލް ހިންގުމުގެ ނިޒާމަށް ބަދަލު ގެނެވުނުކަމުގައިވިޔަސް، ސަރުކާރުގެ އަމާޒަކީ އަތޮޅު މާލިއްޔަތުގައި ހުރި ފައިސާ ކުރިއަށް އޮތްތަނުގައިވެސް އަތޮޅުގެ ރައްޔިތުންނަށް މަންފާ ކުރާނެ ގޮތަކަށް ބޭނުންކުރެވިގެން ދިޔުން ކަމަށެވެ.
އަދި އަތޮޅު ކައުންސިލުން، އަތޮޅުގައި ބާއްވަމުންއައި މުބާރާތްތައް ފަދަ އަތޮޅުގެ ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުރިއަށް އޮތްތަނުގައިވެސް ކުރިޔަށް، ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމާ ބެހޭގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީއާ މަޝްވަރާކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެދޭ ކަންކަމުގައި ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދެއްވާކަމަށާއި، ވުމާއެކު ކައުންސިލްތަކުން އެދިވަޑައިގަންނަވާ ކަންކަމުގައިވެސް ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެއްބާރުލުން ދެއްވަން ޖެހޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
"ކައުންސިލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ ދެމެދު ރަނގަޅު ކޮމިއުނިކޭޝަނެއް ޤާއިމުވާންޖެހޭ" މިނިސްޓަރު ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމަކީ ވަރަށް ބޭނުންތެރި ނިޒާމެއް ކަމަށާއި، ކައުންސިލްތަކުން ރައްޔިތުންގެ ގާތަށް ގޮސްގެން ރައްޔިތުންނަށް ޚިދުމަތްކުރުމަކީ މި ނިޒާމުން ފެންނަ އެންމެ ރީތި ސިފަކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.