ކެންސަރު ބަލީގެ ދަފްތަރުގައި މިދިޔަ އަހަރު މުޅިން އަލަށް 111 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މާދަމާ ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހާ ގުޅުވައި، އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 1،106 މީހުން ކެންސަރުގެ ދަފްތަރުގައި ހިމެނިފައިވާ ކަމަށެވެ.
އެގޮތުން 2020 ވަނަ އަހަރު 137 ކޭސް ރިޕޯޓުކޮށްފައިވާއިރު، 2021 ވަނަ އަހަރު މި އަދަދު ވަނީ 208 އަށް އިތުރުވެފަ އެވެ.
އަދި އެންމެ ގިނަ އަދަދަކަށް ކެންސަރުގެ އާ ކޭސްތައް ރެކޯޑުކުރެވިފައިވަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރު ޖުމްލަ 244 މީހަކަށް އަލަށް ކެންސަރު ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ފަހުން 2023 ވަނަ އަހަރު 211 ކޭސް ރެކޯޑުކުރެވުނުއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 195 އަށް ތިރިވެފަ އެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރަކީ ކެންސަރު ބަލީގެ އާ ކޭސްތައް އެންމެ މަދުން ފެނުނު އަހަރެވެ. އެ އަހަރު ރެކޯޑުކުރެވިފައިވަނީ ޖުމްލަ 111 ކޭސް އެވެ.