Last Updated: June 8, 15:03
Monday, June 8, 2026
ކުޅިވަރު

ޗެލްސީ ބަލިކޮށް އާސެނަލް ފައިނަލަށް

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ، ޗެލްސީ 1-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ޗެލްސީގެ ދަނޑުގައި ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގުގެ މެޗު 3-2 އިން ކާމިޔާބުކުރީ ވެސް އާސެނަލް އެވެ. އާސެނަލް ފައިނަލަށް ދަތުރުކުރީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިއީ 2018 ވަނަ އަހަރަށް ފަހު ލީގު ކަޕްގެ ފައިނަލަށް އާސެނަލް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި އާސެނަލުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ކީޕަރު ރޮބަޓް ސަންޗޭޒް އާއި އެޓީމުގެ ޑިފެންޑަރުންގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ. މި މެޗުގައި ޗެލްސީން ހަމަލާތައް އުފައްދަން މަސައްކަތް ކުރީ އާސެނަލްގެ އޭރިއާގެ ބޭރުން ކަމަށްވާއިރު، އޭގެ މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އާސެނަލަށް މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޗެލްސީއަށް ކުރިން ކުޅުނު ކައި ހަވެޓްޒް އެވެ.

މުބާރާތުގެ ފައިނަލްގައި އާސެނަލް ބައްދަލުކުރާނީ މުބާރާތުގެ ދެވަނަ ސެމީގައި މިރޭ މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކުރީ ސިޓީންނެވެ.