Last Updated: June 5, 20:43
Friday, June 5, 2026
ރިޕޯޓް

ރަސޫލުންނާ ގުޅޭ ފިލްމުތައް ބެލުން ހުއްދަވާނެތަ؟

އެންމެ ފުރަތަމަ ކަމަކަށް އަހަރެމެން ޤަބޫލުކުރާ ޢަޤީދާގައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަކީ ސުބްޙާނަހޫ ވަތަޢާލާ މީސްތަކުންގެ ތެރެއިން ހޮއްވަވާ، އެބޭކަލުންނަކީ އެހެނިހެން މީސްތަކުންނަށްވުރެ މާތް ކުރައްވާ މަތިވެރި ކުރައްވާފައިވާ ބޭކަލުންނެވެ. އަދި އެބޭކަލުންނަށް ނަޞް ރުދެއްވި އެބޭކަލުންގެ އަންޞާރުންނަކީ ވެސް މާތް ﷲ ހިދާޔަތު ދެއްކެވުމަށް ހޮއްވަވާ މާތް ކުރައްވާފައިވާ ބަޔެކެވެ.

އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަހުގައި މި އުންމަތުގައި ދެން އެންމެ މާތް ވެގެންވަނީ އެކަލޭގެފާނަށް ނަޞްރުދެއްވުމަށްޓަކައި ތަޢާލާ ހޮއްވަވާ، ހިދާޔަތު ދެއްވައި، އެކަލޭގެފާނުގެ ޞުޙްބަތު އެބޭކަލުންނަށް ދެއްވި މި އުންމަތުގެ މާތް ޞަޙާބީންނެވެ.

ރަސޫލުބޭކަލުން ފިލްމުތަކުގައި ތަމްޘީލު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ އެބޭކަލުންގެ މާތްކަމާއި މަތިވެރިކަމާއި ޤަދަރަށް ކުރެވޭ ބޭ އިޙްތިރާމެކެވެ.

ރަސޫލުބޭކަލުން ފިލްމުތައް ދެއްކުން ޙަރާމް ކަމުގެ މައްޗަށް މިޒަމާނުގެ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީން މި މޭރުމުން ފަތުވާއެއް ނެރެފައިވެއެވެ. (ބައްލަވާ فتاوى اللجنة الدائمة (1 /712) އަދި މައްކާގައި ބޭއްވި މަޖްމަޢުލް ފިޤްހުލް އިސްލާމީ (އިސްލާމީ ފިޤްހު ކައުންސިލް) ގެ ބައްދަލުވުމެއްގައިވެސް އެކަން ޙަރާމްކަމަށް ބަޔާންކޮށް ޤަރާރެއް ނެރެފައިވެއެވެ.

ފިލްމުތަކުގައި ޞަޙާބީން ތަމްޘީލު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެއީވެސް އެބޭކަލުންގެ މާތްކަމާއި މަތިވެރިކަމާއި ޤަދަރަށް ކުރެވޭ ބޭ އިޙްތިރާމެކެވެ. މިކަން ޙަރާމް ކަމުގެ މައްޗަށްވެސް ސަޢޫދީ ފަތުވާ ކޮމެޓީއާއި އިސްވެ ދެންނެވުނު ފިޤްހު ކައުންސިލުން ބަޔާން ނެރެފައިވެ އެވެ. (ބައްލަވާ: أبحاث هيئة كبار العلماء (3/328)

މީގެ އިތުރުން މިފަދަ ފިލްމުތަކުގައި އެ ބެލުން ހުއްދަނުވާ އަދި އޭގެ ސަބަބުން އެ ބަލާމީހާގެ ޢަޤީދާއި ވިސްނުމަށް އަސަރުކުރުވައި، މާތް ބައެއް ބޭކަލުންނާމެދު ނުބައި ތަޞައްވުރު ދޭ ވަރަށް ގިނަ މަންޒަރުތައް އެފަދަ ފިލްމުތަކުގައި ހިމެނިގެން ވެއެވެ.

1. މި ބާވަތުގެ ބައެއް ފިލްމުތަކުގައި ޢަޤީދާގެ ވަރަށް ގިނަ މައްސަލަތައް ހުރެއެވެ. އަދި ޢަޤީދާގެ ގޮތުން މުސްލިމަކަށް މަޖްބޫރު ޙާލަތެއްގައި މެނުވީ ކުރުން ހުއްދަވެގެން ނުވާ ކަންކަން، މިސާލަކަށް ބުދަށް ސަޖިދަ ކުރުމާއި، ޝިރްކުގެ ބަސްތައް ކިޔުން ފަދަ ކަންކަން މިފަދަ ފިލްމުތަކުގައި ދައްކުވައިދެ އެވެ. އަދި ބައެއް ﷲ އަށް އެއްޗެހި ކިޔާ ހަދައެވެ. މިތީ ތަމްޘީލު ކުރުމަށްޓަކައި ވެސް ހުއްދަ ކަންކަމެއް ނޫނެވެ.
2. މި ބާވަތުގެ ހުރިހާ ފިލްމެއްގައިވެސް ﷲ ޙަރާމް ކުރެއްވި މިއުޒިކު ހިމަނާފައި ހުރެއެވެ. މިއުޒިކު އަޑުއެހުމަކީ ހުއްދަކަމެއް ނޫނެވެ.
3. ބެލުން ހުއްދަ ނޫން މަންޒަރުތައް، އަންހެނުންގެ ޢައުރަ، ބޮލާއި އިސްތަށިގަނޑު، ކަނދުރާ ނިވާނުކޮށް ތިބޭ އަންހެނުންނާއި، ރާ ބޯ މަންޒަރުތަކާއި، ނަށާ މަންޒަރުތައް ފަދަ މަންޒަރުތައް މިފަދަ ފިލްމުތަކުގައި ހުރެއެވެ.
4. މިފަދަ ފިލްމުތަކުގައި އަޞްލު ޙަޤީޤީ ވާހަކަ ދައްކާދިނުމުގެ ތެރޭގައި، ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ޞައްޙަ ގޮތުގައި ޘާބިތުނުވާ ވަރަށް ގިނަ ބައިތައް، އެއީ އެ ވާހަކަ ހިނގާދިޔަ ގޮތް ކަމަށް ދައްކައި، ކަރަންފޫ ކާފޫރު ތޮޅި އަޅައި، މައްސުނިކޮށް، ތާރީޚީ ޙަޤީޤަތްތައް މައްސުނިކޮށް، ބައެއް ފަހަރު ޤުރުއާނުގެ ޞަރީޙަ ބަސްފުޅާވެސް ޚިލާފަށް، އަނެއްބައި ފަހަރު އިސްރާއިލީ ރިވާޔަތްތަކަށް ބަރޯސާވެ އެ ފަދަ ރިވާޔަތްތަކުގައި ޔަހޫދީންނާއި ނަޞާރާއިންގެ ބަދަލުކުރެވިފައިވާ ފޮތްތަކުން ނަގައި އޭގައިވާ ގޮތަށް ފިލްމުގައި ދައްކާދީފައި ހުރެއެވެ. އެއީ އޭގައި ތެދެއް ދޮގެއް ނޭނގޭ އެއްޗެކެވެ. އަދި ގިނަ ފިލްމުތަކުގައި ކޮންމެވެސް ހެއްވާ މަޖާ ބައެއްވެސް ހިމަނާފައި ހުރެއެވެ.
5. މި ނޫން ވެސް ވަރަށް ގިނަ މުންކަރާތްތައް އެފަދަ ފިލްމުތަކުގައި ހުރެ އެވެ. އަދި ބައެއް ފިރްޤާތަކުގެ މީހުން ފިލްމު ހަދާއިރު ފިލްމު ހަދަނީ އެމީހުންގެ ޢަޤީދާއާއި އެމީހުން ޤަބޫލުކުރާ ޤަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށެވެ. މިގޮތުން ޝިޢައީން ފިލްމެއް ހަދާނަމަ، އޭގައި ޢަލީގެ ފާނާއި ޙަސަނުގެފާނާއި ޙުސައިނުގެފާނު އުފުލަން ނުޖެހޭ މިންވަރަށް އުފުލައި، ހަތަރު ޚަލީފާއިންގެ ތެރެއިން ޢަލީގެފާނު ފިޔަވައި ދެން ތިއްބެވި ތިން ޚަލީފާއިންގެ މައްޗަށް ދޮގު ހަދައެވެ. އަދި މުޅި ޝީޢަތު ބިނާވެފައި ވަނީ ބަނޫ އުމައްޔާއާ މެދު ޙަސަދަވެރިވުމުގެ މައްޗަށެވެ.

ރަސޫލުންގެ ފިލްމު ނުކުޅުނަސް ފިލްމު ނުބެލިޔަސް ރަސޫލުންނާއި ނަބީންގެ ވާހަކަތައް އަހަރެމެންނަށް އެނގޭނެ އެވެ. ރަސޫލުންނާއި ނަބީންގެ ވާހަކަތައް މީސްތަކުންނާ ހަމައަށް ގެނެސްގަތުމަކީ އެއީ އެބޭކަލުން ތަމްޘީލުކޮށް، ޞަޙާބީން ތަމްޘީލްކޮށް، މިފަދަ ޙަރާމް ކަންކަންކޮށް، އެބޭކަލުންގެ މައްޗަށް ދޮގު ހަދައި، އޮޅުވާލައިގެން ކުރަން ޖެހޭ ކަންކަމެއް ނޫނެވެ.

އިސްލާމް ދީން ފާޅުވެ 1400 އަހަރުވެގެން މިއަދާ ހަމައަށް އައިއިރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅާއި، އެކަލޭގެފާނުގެ ސީރަތާއި، އޭގެ ކުރީގެ ނަބީބޭކަލުން ވާހަކަތައް މިހުރިހާ ޖީލުތައް ދަސްކޮށް، އެއިން ޢިބުރަތް ޙާޞިލްކޮށް، އަހަރެމެންނަށް ވުރެ ރަނގަޅަށް އެޖީލުތައް އެއަށް ޢަމަލުކޮށްފައި ވަނީ ފިލްމު ކުޅެގެން ފިލްމު ބަލައިގެންނެއް ނޫނެވެ.

ވީމާ ބަޔާން ވެދިޔަ ކަންކަމަށް އެކަނި ރިޢާޔަތް ކުރިއަސް ރަސޫލުބޭކަލުން ދައްކުވައިދޭ ފިލްމުތަކުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް ސާފުވާނެއެވެ. އެހެންކަމުން އެފަދަ ފިލްމު ކުޅުމަކީވެސް ދެއްކުމަކީ ވެސް އަދި ބެލުމަކީ ވެސް ހުއްދަކަމެއް ނޫނެވެ. އެންމެ މާތް މަތިވެރި ބޭކަލުންގެ މާތްކަމާއި ޤަދަރާއި ކަރާމާތް ދެމެހެއްޓުމަށްޓަކަ އެވެ.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.