Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

އަހަރުތަކެއް ފަހުން ސަނީ އަލުން ވަކީލަކަށް

ސިނަމާތަކަށް ނުގެނެސް ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ ސަނީ ޑިއޯލްގެ ފިލްމު 'އިއްކާ' ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މި ފިލްމަކީ މި އަހަރު ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ ހިންދީ އުފެއްދުންތައް އިއުލާންކުރަން އިއްޔެ މުމްބާއީގައިި ބޭއްވި ހާއްސަ އިވެންޓެއްގައި އިއުލާންކުރި އެންމެ ފާހަގަކޮށްލެވޭ އެެއް ޕްރޮޖެކްޓެވެ.

ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ 'އިއްކާ' އަކީ ސަނީ ވަކީލެއްގެ ރޯލުން ފެންނާނެ ކޯޓްރޫމް ޑްރާމާއެކެވެ. މީގެ ކުރިން ވެސް ހަމަ މި ކަހަލަ ރޯލެއް ކުޅެގެން އޭނަ އަށް ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ. ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ 1993 ގައި ގެނެސްދިން ކާމިޔާބު ލިގަލް ޑްރާމާ 'ދާމިނީ' ގައި ކުޅުނު ވަކީލުގެ ރޯލުން ސަނީ އަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އިތުރުން ފިލްމުފެއާގެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ.

ސަނީގެ ވަރަށް މޮޅު ރޯލެއް 'އިއްކާ' އިން ވެސް ފެންނާނެކަން ޓީޒާ އިން ދައްކުވައިދޭ އިރު، މީގެ ކާސްޓްގައި އަކްޝޭ ކަންނާ، ދިއާ މިރްޒާ، ސަންޖީދާ ޝައިހް، އަކަންކްޝާ ރަންޖަން ކަޕޫރް އަދި ތިލޮތާމާ ޝޯމް ފަދަ ފަންނާނުން ފެންނާނެ އެވެ.

މި ފިލްމަކީ ސިދާތު ޕީ މަލްއުތުރާގެ ޑައިރެކްޝަނެކެވެ. އޭނަ އަކީ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ ރާނީ މުކަރްޖީގެ 2018 ގެ 'ހިޗްކީ' ގެ ޑައިރެކްޓަރެކެވެ. ސިދާތުުގެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ތައާރަފުވެގެން ދިޔަ ނެޓްފްލިކްސްގެ 2024 ގެ 'މަހާރާޖް' އެވެ.

'އިއްކާ' އަކީ ސިނަމާތަކުގައި ނާޅުވައި ސީދާ، ޑިޖިޓަލް ޕްރީމިއާއަކަށްދާ ސަނީގެ ފުރަތަމަ ފިލްމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 23 ގައި ރިލީޒްކޮށް، އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ 'ބޯޑާ 2' އެވެ.