Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ކަރެކްޝަންސްގެ ފްރޮންޓް އޮފީހެއް ހުޅުމާލެ އަށް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފްރަންޓް އޮފީހެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭ ޖަލު ސަރަހައްދުގައި ހަދާފައިވާ އެ އޮފީސް މިއަދު ހުޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާނެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕްރިޒަންސް ހަސަން ޒަރީރާއި ކަަރެކްޝަންސް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އިޙްސާން ވިދާޅުވީ ވިދާޅުވ ހުޅުމާލޭގައި ހުޅުވި ކަރެކްޝަންސްގެ ފްރޮންޓް އޮފީހުގެ ސަބަބުން ރައްޔިތުންނަށް ކަރެކްޝަންސްއިން އެ އިދާރާ އިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އެއް ތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ކަރެކްޝަންސް ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި އެ ގައިދީންގެ އާއިލާތަކަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ވީހާ ވެސް ގާތުން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން ގިނަ ރައްޔިތުންތަކަށް ގައިދުވެފައިވާ އާއިލާތަކާއި ރަހުމަތްތެރިންނަށް އިދާރީ ގޮތުން ބާއްވަންޖެހޭ ގުޅުން އަދި ކަންކަމުގައި އިދާރާގެ ފަރާތުން ހޯދަންޖެހޭ ޚިދުމަތްތައް ލިބުން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ،" އިހްސާން ވިދާޅުވި އެވެ. "ހަމައެއާއެކު މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން ޚިދުމަތްތައް ޑިޖިޓަލައިޒްކުރެވި ގެންގޮސް ޚިދުމަތްތަކަށް ފަސޭހަކަމާއެކު ރައްޔިތުންނަށް އެކްސަސް ކުރެވިގެން ދާނެ ވަން ސްޓޮޕް ތަނެއް މި ތަނަކީ."

ކަރެކްޝަންސްގެ ފްރަންޓް އޮފީހުން ކުށުގެ ރިކޯޑް ސާފުކޮށް ދިނުމާއި ރިސެޕްޝަނަށް ލިބޭ ސިޓީ، މެސެޖް، ފޯމު ފަދަ ލިޔުންތައް ބަލައިގަނެ، ކަމާބެހޭ ސެކްޝަންތަކާއި ޑިވިޝަން އަދި ކޮމާންޑްތަކާ ޙަވާލުކޮށް، ރެކޯޑް ބެލެހެއްޓުމައި މައުލޫމާތު ހޯދަން ދާ މީހުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ދޭނެ އެވެ. އަދި ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އަންނައުނު ބަލައިގަތުމުގެ ޢުޞޫލާ އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި އަންގާރަ ދުވަހު ޢާއިލާތަކުން ގެންދާ އަންނައުނު ބަލައިގަންނާނެ އެވެ.