ލީބިއާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރު ގައްޒާފީ އަވަހާރަކުރި ފަހުން އެ ގައުމުގެ އެންމެ ނުފޫޒު ގަދަ ލީޑަރުގެ ގޮތުގައި ހުންނެވި ދަރިކަލުން ސައިފް އަލް އިސްލާމް އަވަރާހަކޮށްލައިފި އެވެ.
އުމުރުން 53 އަހަރުގެ ސައިފް އަވަހާރަކޮށްލިކަން އޭނަގެ ސިޔާސީ ހަރަކާތުގެ ޓީމުން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ސައިފްގެ ވަކީލު ހާލިދު އަލް ޒައިދީ މީޑިއާތަކަށް ވިދާޅުވީ އޭނަ އަވަހާރަކޮށްލީ ސައިފް ދިރިއުޅުއްވަމުން ގެންދެވި ލީބިއާގެ ޒިންތާ ސިޓީގެ ގެއަށް ދިން ހަމަލާތަކެއްގައި ކަމަށެވެެ.
ވަކީލު ވިދާޅުވި ގޮތުގައި ސައިފް އަވަހާރަކޮށްލީ ހަތަރު މީހަކު ހިމެނޭ ކޮމާންޑު ޔުނިޓަކުން ހިންގި ހަރަކާތްތަކެއްގަ އެވެ. ނަމަވެސް އެއީ ކޮން ޖަމާއަތަކަށް ނިސްބަތްވާ ބައެއްކަން އަދި ސާފެއް ނުވެ އެވެ.
އެކަމަކު ސައިފްގެ އާއިލާގެ ބޭފުޅަކާ ހަވާލާދީ ލީބިއާ ޓީވީން ބުނެފައި ވަނީ އޭނަ އަވަހާރަކޮށްލީ ލީބިއާ އާއި އަލްޖީރިއާ ބޯޑަރު ސަރަހައްދުގައި ދިން ހަމަލާތަކެއްގައި ކަމަށެވެ.
ސައިފް އަވަހާރަކޮށްލި އިރު، އޭނަ ލީބިއާގެ ވެރިކަމަށް ވަޑައިގަންނަވަން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އެގޮތުން 2021 ގައި ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ހުށަހެޅުއްވި އެވެ. ނަމަވެސް އޭނަގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.
ސައިފްގެ ބައްޕަ ގައްޒާފީ އަވަހާރަކޮށްފައި ވަނީ އޮކްޓޯބަރު 20، 2011 ގަ އެވެ. އޭނަ އަކީ އެހާތަނަށް 1969 އިން ފެށިގެން ލީބިއާގެ އެންމެ އިސް ލީޑަރެވެ.
ގައްޒާފީ އަށް ޖުމްލަ 10 ބޭފުޅަލު ލިބިވަޑައިގަތެވެ. އެއީ 8 ފިރިހެން ބޭފުޅުންނާއި 2 އަންހެން ބޭފުޅުންނެވެ.