ސަރުކާރުން ބޭނުންވާ ގޮތަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރަން އެ އޮފީހުގެ ބޯޑުން ނިންމާފައި ވަނިކޮށް ޕެންޝަން ސީއީއޯ ސުޖާތާ ހަލީމް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނަ އިސްތިއުފާ ދެއްވި އިރު މީގެ ދެ ދުވަސް ކުރިން އެތަނުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް އަދި މިދިޔަ ނޮވެންބަރު މަހުގެ 9 ގައި، ވަކި ސަބަބެއް ހާމަ ނުކުރައްވައި، ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވެސް އިސްތިއުފާ ދެއްވާފައިވެ އެވެ.
މީގެ އިތުރުން ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް މިދިޔަ އަހަރުގެ އޮކްޓޯބަރު 22 ގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ސުޖާތާ ޕެންޝަން އޮފީހުގެ ސީއީއޯއަލަށް އައްޔަންކުރީ އެކްޓިން ސީއީއޯއަކަށް ހުންނަވަނިކޮށް އޮކްޓޫބަރު 31، 2022 ގަ އެވެ.
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުން އިސްތިއުފާ ދެއްވަމުން ގެންދަވާ އިރު، އެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ގޮތަށް 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމުން ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ސަރުކާރުން ކުރަން އުޅޭ މުއާމަލާތް ދިފާއުކޮށްފަ އެވެ.
އެ ބަޔާނުގައި ބުނީ، މިނިސްޓްރީ އޮފް ފިނޭންސް އިން ހުށަހަޅާފައި ވަނީ ޑުއަލް ކަރަންސީ ނުވަތަ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ރިޓާން ލިބޭ 2.4 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓް ކުރުމަށް ކަމަށެވެ. އަދި މި އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ހަމަޖެހިފައި ވަނީ މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓްގައި ވިއްކާލުމަ ށްފަހު ލިބޭ ފައިސާއިން ކަމަށް ވެސް ބުންޏެވެ.
ބަޔާނުގައި ބުނީ މި އިންވެސްޓްމަންޓާ ގު ޅޭގޮތުން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުންތައް ނިންމާފައި ވަނީ ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ކަމަށާއި އެގޮތުން، އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް، ފަންޑުގެ ވިލުންވެރިކަން ހަރުދަނާ ކުރުމަށް ކޮންސަލްޓަންޓުން ދީފައިވާ ލަފަޔާ އެއްގޮތަށް، އިންވެސްޓްމަންޓުގެ ފައިދާ ޑޮލަރުން ލިބޭ ބޮންޑެއްގައި އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެތަނުން ބުނި ގޮތުގައި މި މުޢާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ އެވެ. އޭގެ އިތުރުން މިހާތަނަށް އިންވެސްޓްކޮށްފައިވާ ބައެއް ޓްރެޝަރީ ބިލްތައް ދިގު މުއްދަތުގެ ބޮންޑަށް ބަދަލުކުރުމުގެ ފުރުޞަތު ލިބި، ޕޯޓްފޯލިއޯ ރިޓާން އިތުރުވެގެން ދާނެ ކަމަށް ވެސް ޕެންޝަން އޮފީހުން ބުންޏެވެ.