ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރުއެސްޑަބްލިއު ސިސްޓަމްތަކަށް ފައިނޭންސް ކުރުމާ ގުޅޭ މަޢުލޫމާތު ސެޝަންތަކަކާއި ތަމްރީނު ވޯކްޝޮޕެއް އައްޑޫ ހިތަދޫގައި ބާއްވައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ މަސްވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގުނު ހަރަކާތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ތަމްރީނު ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދީފައި ވަނީ އާރުއެސްޑަބްލިޔު ސިސްޓަމްތައް ހަރުކުރުމާއި، އެ ސިސްޓަމްތައް އެންމެ އެދެވޭ ގޮތެއްގައި ބޭނުން ކުރުމުގެ ފަންނީ ހުނަރުތަކެވެ. މީގެ އިތުރުން، ސިސްޓަމްގެ ފިނިހޫނުމިން ބެލެހެއްޓުމާއި، ފިނި ހިފެހެއްޓުމަށް ކުރަންޖެހޭ އިންސިއުލޭޝަން މަސައްކަތްތަކާއި، ހޮޅި އެޅުމުގެ ފަރުމާގެ އިތުރުން، ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ކަނޑުމަތީގައި ދިމާވާ އާންމު މައްސަލަތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް ވޯކްޝޮޕްގައި ހިއްސާކޮށްފައިވެ އެވެ.
މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އާރްއެސްޑަބްލިއު މަޝްރޫޢުގެ މަގުޞަދަކީ މަސްވެރި އުޅަނދުފަހަރަށް ދެމެހެއްޓެނިވި އަދި ހަކަތައިގެ ޤާބިލުކަން ލިބިފައިވާ ޓެކްނޮލޮޖީއެއް ފޯރުކޮށް ދިނުމެވެ.
މިނި ޒާމުގެ ސަބަބުން، ބާނާ މަހުގެ ފެންވަރު ދެމެހެއްޓުމުގައި އަމިއްލަ ފުދުންތެރިކަން ހާސިލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އާރްއެސްޑަބްލިއު ސިސްޓަމްތައް ގާއިމު ކުރުމަކީ ލައިވްސް އެންޑް ލައިވްލީހުޑްސް ފަންޑާއިދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އެހީތެރިކަމާއެކު، މަސްވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ހިންގާ މަޝްރޫޢެކެވެ.