ކެންސަރުބަލީގެ ފަރުވާ އަތޮޅުތަކުގައި ފެށުމަކީ ރާއްޖެ އަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލައަގުވާމީ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރާ އިރު އެ ބަލިން ސަލާމަތްވެފައިވާ މީހުންނާއި ބައްޔާ ހަނގުރާމަ ކުރަމުންދާ މީހުން ދައްކަމުންދާ ހިތްވަރު ފާހަގަކުރައްވައި ކަމަށެވެ.
ރައީސް ވިދާޅުވީ އަދި ކޮންމެ އަހަރަކު ވެސް ކެންސަރު ބަލީގައި އެތައް ބަޔަކު ވަކިވެގެންދާއިރު ކެންސަރާ ގުޅިގެން އާންމުން ހޭލުންތެރިކުރުމާއި ކެންސަރު ޖެހުން މަދުކުރުމަށް ފިޔަވަޅު އެޅުމާއި ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަކީ މުހިންމު ކަމެއްކަން ހަނދުމަކުރަން ޖެހޭ ކަމަށެވެ.
ކެންސަރު ބަލީގެ މީހުންނަސް ދޭ ކީމޯތެރަޕީފެ ފަރުވާ ދާދި ފަހުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފެށުމަކީ ވެސް ކެންސަރު ބައްޔާ ގުޅޭ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެެރުމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ޒަމާންތަކެއް ވަންދެން މާލެއިން އެކަނި އެ ޚިދުމަތްތައް ލިބުން ނިމުމަކަށް އައިސް އަތޮޅުތަކުގައި ވެސް ފަރުވާ ފުޅާކުރެވެމުން ދިއުމަކީ އެތައް ބަޔަކަށް އޭގެ ސަބަބުން މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ލިބިގެން ދިޔަ ލުއިތަކެއް ކަމަށެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ މާލެއިން ބޭރުގައި ކީމޯތެރަޕީގެ ޚިދުމަތް ފެށި ހަތަރު ވަނަ ހޮސްޕިޓަލެވެ.
ރާއްޖޭގައި ކެންސަރު ޖެހިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެ މީހުންނަށް އުއްމީދު އާކޮށް ދިނުމުގައި ސިއްޙީ ޚިދުމަތްތެރިންނާއި އިޖުތިމާޢީ މަސައްކަތްތައް ކުރައްވާ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސް ވަނީ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.