Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ނުކުޅެދޭ މީހުންނާ ގުޅޭ މަގުޗާޓް އިފުތިތާހުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމުގެ ޤައުމީ މަގުޗާޓު އިފްތިތާޙްކޮށްފި އެވެ.

އެ މަގުޗާޓު މިއަދު އިފުތިތާހުކޮށް ދެއްވީ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފެވެ.

ރާއްޖޭގައި ދިރިއުޅޭ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ސޯޝަލް މިނިސްޓްރީން އެކުލަވާލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލު ކުރުމުގެ ގައުމީ މަގުޗާޓަކީ" 2026-2030 ގެ ނިޔަލަށް ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ މަގުޗާޓެކެވެ.

މީގެ އަލީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުމަށް 5 ދާއިރާއަކުން މަސައްކަތް ކުރަން ހަމަޖެހިފައިވެ އެވެ. އެގޮތުން ތަޢުލީމާއި، ވަޒީފާގެ މައިދާނުގެ އިތުރުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކޮށްފައިވާ މާލެއާއި ރަށްރަށުގައި ހުންނަ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ލިބިގަތުމުގައި ޢިމާރާތްތަކަށް ވަދެނިކުތުމުގައި ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުން ހިމެނެ އެވެ.

ރަސްމިއްޔާތުގެވަނީ ރާއްޖޭގައި ނުކުޅެދުންތެރިކަމުގެ ޙާލަތު އޮތްގޮތުގެ މައްޗަށް ޔޫއެންޑީޕީއާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހެދި "ސިޗުއޭޝަނަލް އެނަލިސިސް ރިޕޯޓް" ވެސް އާންމުކޮށްފަ އެވެ.