ސްރީ ލަންކާއަކީ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަހުމަތްތެރީންގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލަންކާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާގެ އިތުރުން އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ މިނިވަން ދުވަސް ސްރީލަންކާއާ ބައްދަލުކުރަނީ، އެ ޤައުމުގެ އިޤުތިޞާދު އިތުރަށް ހަރުދަނާކުރުމުގައްޔާއި، އެ ޤައުމުގައި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމުގައްޔާއި، ޤައުމީ ކުރިއެރުމުގައި، އެ ޤައުމުން ވިލުންތެރިކަން ދައްކަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ދެ ޤައުމުން ހިއްސާކުރާ ސަރަހައްދީ އަހުމިއްޔަތުތަކާއި އެއްބައިވަންތަކަމުގެ ތާރީޚުން ބާރުދޭ، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަންވެސް ފާހަގަކުރެއްވި އެވެ.
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީށް ވަނީ، ދެ ޤައުމުގެ އެތައް ޤަރުނެއްވީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރެވޭ ރަހުމަތްތެރީންގެ ތެރޭގައި ހިމެނޭ ޤައުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީ ލަންކާގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ސާބިތު ޢަޒުމު، ޤާއިމުވެފައިއޮތުމަށް އެދިވަޑައިގަންނަވާފަ އެވެ.
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަސް ސްރީލަންކާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 1948 ވަނަ އަހަރު، އިނގިރޭސި އިސްތިޢުމާރުން މިނިވަންކަން ލިބުން ފާހަގަކުރުމަށްޓަކަ އެވެ.