Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޓެކްސް ނުދައްކާ 25 ފަރާތެއް ނަން ހާމަކޮށްފި

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

އާމްދަނީން ނަގާ ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފި އެވެ.

މީރާއިން ބުނީ އެ ފަރާތްތަކަކީ 2024 ވަނަ އަހަރު އާމްދަނީން ނަގާ ޓެކުހުގެ ފައިސާ ނުދައްކާ އަދަދު 100،000 ދިވެހި ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތައް ކަމަށެވެ.

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދެވިފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.

ދަޢުލަތަށް ދައްކަންޖެހި ނުދައްކާފައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާއގެ އެންފޯސްމެންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައްވެސް އެއްވެސް ތަފާތުކުރުމެއް ނެތި އަޅަމުންދާނެ ކަމަށްވެސް މީރާއިން ބުންޏެވެ.

އެހެންކަމުން، މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމާއި، ޓެކްސް ނުދައްކާ ފަރާތްތަކުން ލަސް ނުކުރައްވާ ޓެކްސް ދެއްކުމަށް ނުވަތަ މީރާއާއެެކު ޓެކްސް ދެެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މިރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.