ރާއްޖޭގެ ބޯޑަރަށާއި މުޖުތަމަޢަށް އަންނަ ނުރައްކާތައް ދެނެގަންނަން ޖެހޭ ކަމަށާއި ކަމެއް ދިމާވުމުގެ ކުރިން އަބަދު ވެސް ތިބެން ވާނީ ތައްޔާރަށް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ ދުވަސް ފާހަގަކުރުމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ އޭނަ ވިދާޅުވީ ކަސްޓަމްސް އިން އަބަދުވެސް މަސައްކަތް ކުރަން ވާނީ ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލަން މަސައްކަތް ކުރާ މީހުން ދުރާލައި ދެނެގަތުމަށް ކަމަށެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުން މުދާ ގެނައުމުގައި ގެންގުޅޭ އުސޫލުތަކާއި ޑޭޓާ އެނެލައިޒްކޮށް ރިސްކް ދެނެގަންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީ ގޮތުން ކުރިއަރަމުން އަންނަ އިރު އެއާ އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރުމަކީ ވެސް އެހާ މުހިންމު ކަމެއް ކަމަށް އިހްސާން ވިދާޅުވި އެވެ.
"ހަމައެއާއެކުގަ ކަސްޓަމްސްގެ މުވައްޒަފުންނަށް ދެވޭ ތަމްރީނަކީ ކަސްޓަމްސްގެ ބޭނުން ކުރާ އެންމެ ފަހުގެ ވަސީލަތްތަކާއި އުކުޅުތައް ބޭނުން ކުރުމަށް އެންމެ ފަހުގެ ތަމްރީނު ހޯދުމަކީ ވެސް މީގެ ތެރެއިން ވަރަށް މުހިންމު ކަމެއް. މުދާ ގެންނަ ފަރާތްތައް އަދި ބޯޑަރު ފޫއަޅުވާލަން މަސައްކަތް ކުރާ ފަރާތްތައް ވިސްނާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ގާނޫނަށް ގެންނަ ބަދަލުތައްވެސް އެނގިގެން ބޯޑަރު ފޫއަޅުވާލަން،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ވާންވާނީ އެއަށްވުރެ ސްމާޓް ބަޔަކަށްވެގެން ނޫނީ މި ކާވްގެ މައްޗަކަށް ނޭރޭނެ. އަބަދުވެސް މަސައްކަތް ކުރަންވާނީ ކާވްގެ މަތީގަ ތިބެން.
އޭނަ ވިދާޅުވީ މުޅި އަހަރުގެ ތެރޭގައި ނަތީޖާ ނެރޭ މުއައްސަސާއަކަށް ކަސްޓަމްސް ވުމަށްޓަކައި ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި މިދިޔަ އަހަރަކީ ނަތީޖާ ނެރުނު އަހަރެއްކަން ފާހަގަކުރައްވައި އިހްސާން ވިދާޅުވީ އެ ނަތީޖާއާ މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
"ރާއްޖޭގެ ބޯޑަރުގެ ސަލާމަތާއި އަދި ޖުމްލަކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަސްޓަމްސްގެ މުވައްޒަފުން ރެއާއި ދުވާލު ވަރަށް ބުރަކޮށް އަދި ބައެއް ފަހަރު ވަރަށް ނުރައްކާތެރި ހާލަތްތަކުގަ ތިޔަ ކުރައްވަމުންގެންދަވާ އަގު ހުރި މިންނެތް ޚިދުމަތަށްޓަކައި ރައީސްގެ ނަންފުޅުގަ އާއި މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ ނަމުގަ ޝުކުރު އަދާކުރަން." އޭނަ ވިދާޅުވި އެވެ.
އިންޓަރނޭޝަނަލް ކަސްޓަމްސް ޑޭގެ ޝިޢާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސްގެ މި އަހަރުގެ ތީމަކީ ސަރުކާރުން ކަސްޓަމްސްގެ ފަރާތުން އެދޭ ކަންތައްތައް ވަރަށް ރަނގަޅަށް ސިފަވާ ތީމެއް ކަމަށެވެ.
ކަސްޓަމްސް ދުވަހުގެ މި އަހަރުގެ ޝިޢާރަކީ 'ކަސްޓަމްސް ޕްރޮޓެކްޓިން ސޮސައިޓީ ތުރޫ ވިޖިލެންސް އެންޑް ކޮމިޓްމެންޓް' އެވެ.