ބޮލުން އެއްބައި ބާލައި އަނެއް ބައި ދޫކޮށްލުން (އަލްޤަޒަޢު) ހުއްދަވެގެން ނުވެ އެވެ.
ދަލީލު:
عَنْ ابْنِ عُمَرَ رضي لله عنهما أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( نَهَى عَنْ الْقَزَعِ ) ، قال نافع – أحد رواة الحديث – في تفسير القزع : يُحْلَقُ بَعْضُ رَأْسِ الصَّبِيِّ وَيُتْرَكُ بَعْضٌ. {روى البخاري (5921) ومسلم (2120)}
މާނައީ: “އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަލްޤަޒަޢު ނަހީކުރެއްވިއެވެ. ޤަޒަޢުގެ މާނައާ ބެހޭގޮތުން ނާފިޢު (މި ޙަދީޘްގެ އެއްރާވީ) ވިދާޅުވި އެވެ. އަލްޤަޒަޢު އަކީ ކުއްޖާގެ ބޮލުގެ ބައެއް ތަންތަން ބާލާފައި އަނެއް ބައި ތަންތަން ނުބާލާ ބެހެއްޓުމެވެ.”
عَنْ ابْنِ عُمَرَ رضي الله عنهما أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى صَبِيًّا حَلَقَ بَعْضَ رَأْسِهِ وَتَرَكَ بَعْضًا فَنَهَى عَنْ ذَلِكَ ، وَقَالَ : ( احْلِقُوهُ كُلَّهُ أَوْ اتْرُكُوهُ كُلَّهُ ) {روى النسائي (5048) وأبو داود (4195)وصححه الألباني في صحيح النسائي}
މާނައީ: “އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކުޑަކުއްޖަކު ބޮލުގެ އެއްބައި ބާލާފައި އަނެއްބައި ނުބާލާ ދޫކޮށްލާފައި ހުއްޓާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެވަޑައިގެން އެކަން ނަހީކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. އޭނާގެ ބޯ އެއްކޮށް ބާލާށެވެ. ނުވަތަ ބޯ އެއްކޮށް ނުބާލައި ދޫކޮށްލާށެވެ.”
އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވި އެވެ.
“ޤަޒަޢުކުރުން ދަރަޖަތަކަކަށް ބެހެއެވެ.
އޭގެ އެންމެ ނަހީކަން ބޮޑު ގޮތަކީ ބޮލުގެ މެދު ބާލާފައި ބޮލުގެ އަރިމަތި ދޫކޮށްލުމެވެ. އެއީ ނަޞާރާ މިނިސްޓަރުން (ފާދިރީންނާ ޖެހިގެން ތިބޭ މީހުން) ކަންތައްކުރާ ގޮތެވެ.
އޭގެ ފަހުގައި ވަނީ ބޮލުގެ ދެ އަރިމަތި ބާލާފައި މެދު ދޫކޮށްލުމެވެ. މިއީ ތަންދޮރު ނޭނގޭ، މޮޔަ މީހުން ކަންތައް ކުރާ ގޮތެވެ.
އޭގެ ފަހުގައި ވަނީ ބޮލުގެ ނިއްކުރިން ފެށިގެން ބާލާފައި، ބޮލުގެ ފަހަތުބައި ދޫކޮށްލުމެވެ.
މި ތިން ގޮތަކީވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވާ ޤަޒަޢުގެ ތެރޭގައި ހިމެނޭ ތިން ގޮތެވެ. މީގެން ބައެއް ގޮތްތައް އަނެއްބައި ގޮތްތަކަށްވުރެ މުޑުދާރުކަން ބޮޑުވެގެންވެއެވެ.” (”أحكام أهل الذمة ”3 / 1294(
ޤަޒަޢު (ޢަރަބި ބަހުގައި ނެގިފައި ވަނީ) ވިލާގަނޑު ބައިބަޔަށް ބެހިގެން ދިޔުން މި މާނައިންނެވެ.
ޤަޒަޢު ކުރުން ވަނީ އެކި ވައްތަރުތަކަށެވެ.
* ބޮލުގެ އެކި ތަންތަން ބޭލުމެވެ. އަދި އަނެއްބައި ތަންތަން ނުބާލައި ބެހެއްޓުމެވެ.
* ދެ އަރިމަތި ބާލާފައި މެދު ދޫކޮށްލުމެވެ.
* މެދު ބާލާފައި ދެ އަރިމަތި ދޫކޮށްލުމެވެ.
* ބޮލުގެ ކުރީބައި ބާލާފައި ފަހަތް ދޫކޮށްލުމެވެ.
* ބޮލުގެ ފަހަތް ބާލާފައި ބޮލުގެ ކުރީބައި ދޫކޮށްލުމެވެ.
* ބޮލުގެ އެއްއަރިމަތި ބާލާފައި ބާކީ ހުރި ހުރިހާ ތަން ދޫކޮށްލުމެވެ.
ޤަޒަޢު ކުރުން ނަހީކުރެވިފައިވާ ޢާއްމު މާނައިގެ ތެރެއަށް މި އެންމެހައި ސިފަތަކެއް ވަންނާނެ އެވެ. ފަހެ އެހެންވުމުން ބޯ ބާލާ ކަމުގައިވާނަމަ، އެކުއެކީގައި ބޯ ބާލަން ޖެހޭނެ އެވެ. ބައެއް ތަންތައް ދޫކޮށް އަނެއްބައި ތަންތަން ބާލައިގެން ނުވާނެ އެވެ. (فتاوى المرأة المسلمة 2/510)
އައްޝައިޚް މުޙައްމަދު މުޚްޠާރު އައްޝިންޤީޠީ ޙަފިޘަހުﷲ ވިދާޅުވިއެވެ.
“ބޮލުގެ އިސްތަށިގަނޑުގެ އަރިމަތިން ތުނިކޮށް ބޮލުގެ މެދު އިސްތަށި ބޯކޮށް ބަހައްޓާމީހުން މީގެ ތެރެއަށް ވަންނާނެ އެވެ. އެހެނީ އެއީ ފަސާދައިގެ އަހުލުވެރިންނާ އެއްގޮތްވުމުގެ ތެރެއިންވާ ކަމެކެވެ. ބައެއް ޢިލްމުވެރިން އެކަމަށް އިޝާރާތް ކުރައްވާފައިވެ އެވެ. އަހަރެމެންނަށް ފެނިފައި ވަނީ އަހަރެމެންގެ މަޝާއިޚުން އިހުއްސުރެ ފެށިގެން ބޮލުގެ އިސްތަށިގަނޑުން އެއްބައި އިސްތައްޓަށްވުރެ އަނެއްބައި އިސްތަށި ކުރުކުރުމާ މެދު އެއީ ޤަޒަޢުކަމަށް އެބޭކަލުން ދެކެވަޑައިގަންނަވާތީއެވެ. ޢިލްމުގެ އަހުލުވެރިންގެ މެދުގައި ޢަމަލު ކުރެވުމުން އަންނަނީ މި ގޮތަށެވެ. ސުންނަތުގައި އޮންނަނީ ބޯ ބާލާނަމަ އެއްކޮށް ބޭލުމަށެވެ. ނުވަތަ ތުނިކޮށް ކޮށާ ނަމަ މުޅި ބޯ ތުނިކޮށް ކޮށުމަށެވެ. އެއްބައި ކޮށްފައި އަނެއްބައި ނުކޮށް ބަހައްޓާކަށް ނޫނެވެ. ފަސާދައިގެ އަހުލުވެރިންނާ އެއްގޮތްވުން އޭގައި ހިމެނޭތީ އެވެ.” (“شرح زاد المستقنع”)
ބޮލުގެ އެއް ބަޔަށް ވުރެ އަނެއް ބައި ތުނިކުރާ މީހުން ވެސް މި ޤަޒަޢުގެ ތެރެއަށް ވަންނަކަމުގައި ސަޢުދީ ފަތުވާ ކޮމެޓީގެ ފަތުވާގައިވެ އެވެ.
ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުުގެ ލިޔުއްވުމެކެވެ.