Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

މާލޭގެ ސީއްއެޗްއެސްއީ އަށް 7 ބުރީގެ އިމާރާތެއް

މާލޭގެ ސެންޓަ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން ސީއެޗްއެސީ) އަށް 7 ބުރީ އިމާރާތެއް އަޅަން ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ މަޝްރޫއު ހަވާލުކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރއްވީ މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު އެވެ. ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އަހުލާމް ރުޝްދީ އެވެ.

މި އެއްބަސްވުމުގެ ދަށުން ސީއެޗްއެސްސީގެ އެނެކްސް އިމާރާތް ކުރަނީ 7 ފަންގިފިލާ އަށް، މާލޭގައި މިހާރު ސީއެޗްއެސީ ހިންގާ ބިމުގެ ބިށްދަށުގައި އޮތް ހުސް ޖާގައިގަ އެވެ. މި މަޝްރޫއުގެ އަގަކީ 51.6 މިލިއަން ރުފިޔާ އެވެ. އާ އިމާރާރތުގައި ހިމެނޭނެ ބައިތަކުގެ ތެރޭގައި 15 ކްލާސްރޫމް، ހަތަރު ސައިންސް ލެބް، ސްޓާފް ރޫމް، ލީޑިން ޓީޗާ ރޫމް، އެޑްމިން އޮފީސް، ތިން ލިފްޓް
އަދި ޕާކިން އޭރިއާ ހިމެނެ އެވެ.

މާލޭގެ ސީއެޗްއެސްއަކީ މަތީ ސާނަވީ އަށް ހާއްސަކޮށްގެން ޖުލައި 3، 1979 ގައި ހުޅުވި ތަނެކެވެ. އަދި މިއީ މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި ފުރަތަމަ ސްކޫލް ވެސް މެ އެވެ. އެ ސްކޫލް ހުންނަނީ ލިލީ މަގުގަ އެވެ.

މާލޭގެ ސީއެޗްއެސް އަށް ބަންދުކޮށް 2023 ގައި ހުޅުމާލޭގައި ސީއެޗްއެސްސީގެ އިމާރާތއް ހުޅުވި އެވެ. އަށް ބުރީގެ އެ ސްކޫލަކީ 1200 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

މި ސަރުކާރުން ވަނީ މާލޭގެ ސީއެޗްއެސްސީ ބަންދުކޮށްފައި އޮތް އޮތުން އުވާލައި 2024، ސެޕްޓެމްބަރު 1، 2024 ގައި އެތަނުގައި އަލުން ކިޔަވައި ދޭން ފަށައިފަ އެވެ.