Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ތުރުކީ ސިފައިން ރާއްޖޭގައި މިހާރު އެބަތިބި: އަމީން

މެންބަރު އަމީން ފައިސަލް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ތުރުކީ ސިފައިން ރާއްޖޭގައި މިހާރު އެބަތިބި ކަމަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ޕީއެންސީން ވެރިކަމަށް އައީ "އިންޑިއާ އައުޓް" ކުރަންވެގެން ކަމަށާއި ނަމަވެސް ކުރިއަށް ވުރެ ބޮޑަށް މިހާރު އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ އިތުރުން އައްޑޫގައި ތުރުކީ ސިފައިން ވެސް މިހާރު އެބަތިބި ކަމަށާއި ދެން ކުރިއަށް އޮތީ އެމެރިކާ ސިފައިން ރާއްޖެއަށް އައުން ކަމަށް އަމީން ވިދާޅުވި އެވެ.

"ދެން ކުރިއަށް މިއޮތީ އެމެރިކާ ސިފައިން ދިވެހިރާއްޖެއަށް އައުން. ޗާގޯސް ލިބިއްޖެއްޔާ އެ ތަނަކީ އެމެރިކާއަށް ހިބައިން ދޭނެ ތަނެއް ކަމަށް މިހާރު އެ އޮތީ އަޑުތައް އަރައިފައި. އެއީ އެކަން ހިނގާތީ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ތުރުކީ ސިފައިން ރާއްޖޭގައި ތިބީ ޑްރޯންތައް އޮޕަރޭޓްކުރަން ދިވެހިންނަށް ދަސްކޮށްދިނުމުގެ ނަމުގައި ކަމަށެވެ. އަދި އިންޑިއާއާއެކު ހަދާފައިވާ 100 އަށް ވުރެ ގިނަ އެއްބަސްވުންތައް ހާމަކުރާނެ ކަމާއި އުވާލާނެ ކަމަށް ޕީއެންސީގެ ބޭފުޅުން ވެރިކަމަށް އައުމުގެ ކުރިން ބުނި ކަމަށާއި ނަމަވެސް މިއަދުގެ ހަގީގަތަކީ އޭގެއިން އެއްވެސް އެއްބަސްވުމެއް އުވާލާފައި އަދި މުރާޖައާކޮށްފައި ނުވާއިރު، އެއްބަސްވުންތައް ވެސް ވީ އިތުރު ކަމަށް އަމީން ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގެ ރަށްވެހިކަން ބޭރު މީހުންނަށް ދެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާއިރު މިއީ ދިވެހި ޕާސްޕޯޓު "މާފިއާގެ ބޮޑުންނަށް" ސޭލު އެޅުވުން ކަމަށްވެސް އަމީން ވިދާޅުވި އެވެ.