Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޞުލްޙައަކީ ބާރު ބޭނުންކޮށްގެން މަޖުބޫރުން ކުރުވޭނެ ކަމެއް ނޫން

ޞުލްޙައަކީ ބާރުގެ ބޭނުންކޮށްގެން މަޖުބޫރުން ކުރުވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގައި ކުރިއަށްދާ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ)ގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ޢާންމު ޖަލްސާގައި ތަގުރީރު ކުރައްވަމުން ނާޒިމް ވިދާޅުވީ ޞުލްޙައަކީ ހަމައެކަނި ހަނގުރާމައެއް ނެތުން ނޫން ކަމަށާއި، އެއީ ހާމަކަން ބޮޑު، ހުރިހާ އެންމެން ޝާމިލުވާ، އަދި ޖަވާބުދާރީވަނިވި ވެރިކަމެއްގެ ތެރެއިން ރައްޔިތުންގެ އިތުބާރު ހޯދައިގެން ދެމެހެއްޓޭނެ ކަމެއް ކަމަށެވެ.

އެގޮތުން ޚާއްޞަކޮށް ދެކުނު އޭޝިއާގެ ސަރަޙައްދުގައި، އިތުބާރު ކުޑަވުމުގެ ސަބަބުން ބައިބައިވުމާއި، ހަލަބޮލިކަމާއި، ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވެދާނެ ކަމުގެ އިންޒާރު ދެއްވަމުން، މަޝްވަރާކުރުމާއި، ޚިޔާލުތަފާތުވުންތައް ޙައްލުކޮށް އެއްބަސްވުންތަކަށް ވާސިލުވުމުގައި ޤާނޫނުހަދާ މަޖިލިސްތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ތަޖުރިބާއަށް ބައްލަވައިލައްވަމުން، 2008 ވަނަ އަހަރު ރާއްޖެއަށް އައި ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ދީމިޤްރާޠީ ބަދަލާއެކު، ދައުލަތް ހިންގުމާއި ފާރަވެރިވުމުގެ މައި ތަނބަކަށް ރައްޔިތުންގެ މަޖިލިސް ވެގެން ދިޔަ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އެންޓި ޓޯޗަރ ޤާނޫނު އަދި ޖެންޑަރ އިކުއަލިޓީ ޤާނޫނު ފަދަ މުހިންމު ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ، ޤާނޫނުގެ އިސްލާހީ ވެރިކަން ދަމަހައްޓައި މަދަނީ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމަށް ވިދާޅުވި އެވެ.

މިއީ ދީމިޤްރާޠީ އުޞޫލުތަކަކީ ތަންފީޛުކުރެވޭނެ ޙައްޤުތަކަކަށް ހަދައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުންގެ އޮންނަ އިތުބާރު އިތުރުކުރުމަށް މަޖިލިސްތަކަށް ކުރެވިދާނެ މަސައްކަތްތަކުގެ މިސާލެއްކަން ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ޞުލްޙައަކީ ބާރުގެ ބޭނުންކޮށްގެން މަޖުބޫރުން ކުރުވޭނެ ކަމެއް ނޫން ކަމަށާއި، ހަރުދަނާ، ހުރިހާ ފަރާތްތަކެއް ޝާމިލުވާ ދީމިޤްރާޠީ އިތުބާރު ބިނާވަނީ މެދުނުކެނޑި ކުރެވޭ އިޚުލާޞްތެރި މަސައްކަތްތަކުގެ މައްޗަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ވަރުގަދަ، ހުރިހާ ފަރާތްތަކެއް ޝާމިލުވާ އަދި ޖަވާބުދާރީވަނިވި ޤާނޫނުހަދާ މަޖިލިސްތަކަކީ ޞުލްޙަވެރިކަމާއި ދެމެހެއްޓެނިވި ދީމިޤްރާޠީ ނިޒާމެއްގެ ބިންގާ ކަމުގައި ވެސް ވިދާޅުވި އެވެ.