Last Updated: June 8, 15:03
Monday, June 8, 2026
ކުޅިވަރު

ފައިނަލްގައި އާސެނަލް އާއި ސިޓީގެ ކުރިމަތިލުމެއް

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 3-1 އިން ކުރިހޯދައި މުބާރާތުގެ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުންނަން ޖެހިއްޖެ އެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކުރީ ސިޓީންނެވެ. މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރުކުރީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ވެސް ސިޓީން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ ހަތް ވަނަ މިނެޓްގައި މިސްރު ފޯވާޑް، އޮމަރް މަރްމޫޝް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ދެވަނަ ގޯލު މެޗުގެ 29 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް މަރްމޫޝް އެވެ. އަދި އޭގެ ތިން މިނެޓް ފަހުން ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ރެއިންޑާސް އެވެ.

މި މެޗުގައި ނިއުކާސަލުން ޖެހި ހަމައެކަނި ގޯލު މެޗުގެ 62 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންތޮނީ އެލާންގާ އެވެ.

އާސެނަލް އާއި ސިޓީ ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 22 ގަ އެވެ. އާސެނަލް ފައިނަލަށް ދަތުރުކުރީ ސެމީގައި ޗެލްސީ ބަލިކުރުމަށްފަހު އެވެ.