Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަކީ ރައީސް މުއިއްޒު

ލާމާރުކަޒީ ނިޒާމުގެ ހަގީގީ ޗެމްޕިއަނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް އެލަވަންސް ދިނުމަށް އަދި މަސައްކަތްކުރާނެ އޮފީސްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި ރައީސް ކުރައްވަނީ ގާނޫނު އަސާސީގައި ބުނާ ރައްޔިތުން ބާރުވެރިކުރުމުގެ މަސައްކަތްޕުޅު ކަމަށެވެ.

"ދިވެހިރާއްޖޭގެ ލޯކަލް ގަވަނަންސްގެ ޗެމްޕިއަނަކީ ޑރ. މުހައްމަދު މުއިއްޒު. އަޅުގަނޑުމެން މިއީ އެ ޓީމުގެ މެންބަރުން، ތިޔަބޭފުޅުން ތިއީ އެ ޓީމުގެ މެންބަރުން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ހުރިހާ ރައްޔިތުން ވޯޓުލައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަކަށް، ކޮމިޓީގެ ރައީސަކު ހޮވި ތާރީހެއް ދިވެހި ތާރީހުގައި ނޯންނާނެ ކަމަށާއި އެއީ ރައީސް މުއިއްޒުގެ ވިސްނުންފުޅެއް، އަދި އެމަނިކުފާނު ކުރެއްވި ތަސައްވުރެއް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ދަންނަވާނީ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އަޅުގަނޑުމެން މި ފަށަނީ ލޯކަލް ގަވަނަންސްގެ މުޅިން އާ ބާބެއް. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތަސައްވުރުގެ ބާބު. އެއީ ދިވެހި ރައްޔިތުންނަށް ހަގީގީ ތަރައްގީ ގެނެސްދޭނެ ބާބު،" ނާޒިމް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.