Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

މިއޮތީ 'މައިކަލް' ގެ ޓްރެއިލާ

އެމެރިކާގެ ކުރީގެ ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ވާހަކަ ކިޔައިދޭ ބައޮގްރިފަކަލް މިއުޒިކަލް ޑްރާމާ "މައިކަލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ލަޔަންސްގޭޓްސް އާއި ޔުނިވާސަލް ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އެޕްރީލް 24 ގަ އެވެ.

"މައިކަލް" އަކީ ޖޯން ލޯގަންގެ ސްކްރީންްލޭއަކަށް އެންޓޮއިން ފުގްއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "'ދަ ޓްރެއިނިން ޑޭ" އާއި "ކިންގް އާތާ" އަދި "އެމަންސިޕޭޝަން ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ދި އީކްއަލައިޒާ 3" އެވެ.

ދެހާސް ނުވައެއްގައި މަރުވެފައިވާ މައިކަލް ޖެކްސަންގެ ހަޔާތުގެ ގިނަ ސޮފުހާތަކެއް ދައްކުވައި ދޭނެ "މައިކަލް" ގެ ޓައިޓްލް ރޯލުން ފެންނާނީ ޖާފަރް ޖެކްސަނެވެ. އުމުރުން 28 އަހަރުގެ ޖާފަރަކީ މައިކަލް ޖެކްސަންގެ ބޭބެ ޖާމެއިން ޖެކްސަންގެ ދަރިއެކެވެ.

ޖުމްލަ 155 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "މައިކަލް" ގެ ކާސްޓްގައި ކޮލްމަން ޑޮމިންގޯ، ނިއާ ލޮންގް، މިލެސް ޓެލާ، ލައުރާ ހެރިއާ، ޖޯސެފް ޑޭވިޑް-ޖޯންސް، ޖެސިކާ ސޫލާ، ކެންޑްރިކް ސެމްޕްސަން، ކެޓް ގްރަހަމް، ލަރެންޒް ޓޭޓް، ކެވިން ޝިނިކް އަދި ޑެރެކް ލޫކް ފަދަ ފަންނާނުން ހިމެނެ އެވެ.

ޕޮޕް މިއުޒިކްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި މައިކަލް ޖެކްސަން އުމުރުން 50 މަރުވެފައި ވަނީ ޖޫން 25، 2009 ގަ އެވެ.