Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ސޯލިހު މޮރިޝަސް އަށް ފޮނުވި ސިޓީ އަނބުރާ ގެންނާން

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިގުގެ ސަރުކާރުގެ މޮރިޝަސްގެ ބޮޑުވަޒީރަށް ކަނޑުގެ މައްސަލައިގައި ފޮނުވި ސިޓީ އަނބުރާ ގެންނަވަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދުގެ ރިޔާސީ ބަޔާނުގައި ވަނީ ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލު ކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ޗާގޯސް ނުވަތަ ފޯޅަވަހީގެ ތާރީޚެއް ރާއްޖެ އަށް އޮތް ކަމަށާއި، އެއީ އޭރު ވެސް މިހާރު ވެސް ދިވެހީން މަހަށް ނުކުމެ ތިބޭ ސަރަހައްދެއް ކަމަށް ވިދާޅުވި އެވެ. އެހެންވެ ފޯޅަވަހި މޮރިޝަސް އަށް ދިނުމާ ދެކޮޅަށް، ރާއްޖެ އިން ޖެނުއަރީ 18. 2026 އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިޓްލޮސްއިން މައްސަލަ ނިންމާފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ކަމަށާއި އެއީ މިދިޔަ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް ކަމަށެވެ. އެހެންވެ އެ ކަނޑުގެ ސަރަހައްދު ހޯދަން ގާނޫނީ ގޮތުން މަސައްކަތް ކުރަން ބަންޑާރަ ނައިބަށް އަންގަވައިފައި ވާނެ ކަމަށާއި، އެ މައްސަލަ ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓު މިދިޔަ މަހު 22 ގައި ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.އެގޮތުން ރައީސް ސޯލިހް މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމަވާފައިވާކަން ރައީސް މުއިއްޒު އިއުލާން ކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ވެސް ނިންމާފައިވާ ކަމަށެވެ.