Last Updated: June 5, 22:30
Friday, June 5, 2026
ދުނިޔެ

ދަރިވަރަކު ޓީޗަރެއްގެ ގަޔަށް ވަޅި ޖަހައިފި

ފްރާންސްގެ ސްކޫލެއްގައި ދަރިވަރަކު ޓީޗަރެއްގެ ގަޔަށް ވަޅި ޖެހުމާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ދެކުނު ފްރާންސްގެ ސަނަރީގެ ލަ ގިޗާޑް ސްކޫލްގައި އަންގާރަ ދުވަހު ހިންގި ހާދިސާގައި 60 އަހަރުގެ އަންހެން، އާޓް ޓީޗަރުގެ މޭގެ ތިން ހަތަރު ތަނަކަށް 14 އަހަރުގެ ފިރިހެން ދަރިވަރު ވަޅި ހަރާފައިވެ އެވެެ. މި ހާދިސާއާ ގުޅިގެން ޓީޗަރު އޮޕަރޭޝަނެއް ވެސް ކޮށްފައިވާ އިރު ފަރުވާ އޭނަގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

އެ ޓީޗަރަކީ ލަ ގިޗާޑް ސްކޫލްގައި މަސައްކަތް ކުރާތާ 28 އަހަރުވެފައިވާ ޓީޗަރެކެވެ.

ޓީޗަރަށް ހަމަލާ ދިން ދަރިވަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު، އެ ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ޓީޗަރަށް ހަމަލާ ދިނީ އޭނަ ދެކެ އަންނަ ރުޅިން ކަމަށް ބުނެފައިވެ އެވެ. އަދި ސްކޫލަށް ވަޅި ގެންދިޔައީ ވެސް ޓީޗަރަށް ހަމަލާ ދިނުމުގެ މަގުސަދުގައި ކަމަށް ފުލުހުން ގާތު ދަރިވަރު ބުނެފައިވެ އެވެ.

ދަރިވަރާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ ޓީޗަރު ދެކެ އެހާ ރުޅި އަންނަނީ އޭނަގެ ފަރާތުް ފެންނަ އަހުލާގީ މައްސަލަތަކެއް ސްކޫލްގެ މެނޭޖްމަންޓަށް ރިޕޯޓްކުރާތީ އެވެ.

މިދިޔަ އަހަރުހެ ޖޫން މަހުގެ ތެރޭގައި ވެސް ފްރާންސްގެ ސްކޫލެއްގައި ދަރިވަރަކު ޓީޗަަރަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމާ ގުޅިގެން މަރުވެފައިވެ އެވެ. އެ ފަހަރު ވެސް ހަމަލާ ދިނީ 14 އަހަރުގެ ފިރިހެން ދަރިވަރެކެވެ.