Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރިސޯޓްތަކުން ކޮންމެ ރައްޔިތަކަށް ފައިސާ!

ރާއްޖޭގައި އަލަށް ތަރައްގީކުރާ 10 ރިސޯޓަކުން ރައްޔިތުންނަށް ހިއްސާ ލިބޭ ގޮތަށް ހަދައި ފައިދާގެ ބޮޑު ބައެއް ދިވެހި ކޮންމެ ރައްޔިތުންނަށް ޑޮލަރުން ޖަމާކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަަށް 54 އަހަރުވީ އިރު، ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި އެންމެ ފައިސާއެއް ވެސް ލިބޭނެ މަގެއް އެއްވެސް ސަރުކާރަކުން ފަހިކޮށް ދީފައި ނެތް ކަމަށެވެ.

އެހެންވެ މި ގުދުރަތީ އެސެޓުތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ހުރިހާ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނިޒާމީ ގޮތެއްގައި ހަމަޖެހެން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަމާ މެދު ކެބިނެޓުގައި މަޝްވަރާކޮށް ސަރުކާރުން މިހާރު ނިންމާފައި ވަނީ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް ކޮންމެ ރައްޔިތެއްގެ އަހަރަކު އެއް ފަހަރު ބޭންކް އެކައުންޓަށް ޖަމާކޮށް ދޭން ކަމަށެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރިސޯޓުތަކުން ލިބޭ ފައިސާ ދިވެހި އައިޑީ ކާޑު އޮތް ކޮންމެ ދިވެއްސަކަށް ލިބޭނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އަންދާޒާ ކުރެވެނީ މި އިންވެސްޓްމެންޓުން ލިބޭ ފައިދާ 2030 އިން ފެށިގެން ޖަމާ ކުރެވޭނެ ކަމަށެވެ.

"ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރު 400 ރުފިޔާ ލިބި، ފަސް މެންބަރުންގެ އާއިލާއަކަށް އަހަރަކު އިރާދަކުރެއްވިއްޔާ 2000 ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ." ރައީސް ވިދާޅުވި އެވެ.