ރާއްޖޭގެ ޑައިވަރު ޝަފްރާޒް ނައީމް ތިން އަތޮޅަކަށް ކަނޑުއަޑިން ދަތުރުކޮށް ދުނިޔޭގެ ރެކޯޑްތަކެއް ގާއިމްކޮށްފިއެވެ.
"އެކްރޮސް މޯލްޑިވްސް 2026" ގެ ނަމުގައި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް ބުކް އޮފް ރެކޯޑްސް އިން ދެ މަގާމެއް ރަސްމީކޮށް ޝަފްރާޒް ކަށަވަރުކޮށްފައިވެ އެވެ. އެ ދެ ރެކޯޑަކީ ކަނޑުއަޑީގައި އެންމެ ދުރު ރާސްތާއަކަށް ދަތުރުކުރުން: 2 ހަފްތާގެ ތެރޭގައި ޖުމްލަ 335 ކިލޯމީޓަރުގެ، 55 ޑައިވް ފުރިހަމަކޮށް އަދި 75+ ގަޑިއިރުގެ ތާރީހީ ދަތުރެއް ފުރިހަމަ ކުރުމާއި މެދުނުކެނޑި އެންމެ ދުރު ރާސްތާއަކަށް ފީނުން، އެއް ސެޝަނެއްގައި 5 ގަޑިއިރާއި 30 މިނެޓަށްވުރެ ގިނަވަގުތު ހޭދަކޮށް، މެދުނުކެނޑި 16.5 ކިލޯމީޓަރަށް ފީނައިގެން ގާއިމް ކުރި ރެކޯޑެވެ.
މި ރެކޯޑްތައް ރަސްމީކޮށް ބުކް އޮފް ރެކޯޑްސް ފޮތުގައި ހިމެނުމަށް ބޭއްވި ރަސްމިއްޔާތު އޮތީ އިއްޔެ ހުޅުމާލެ ފޭސް 1 ގެ ބީޗްގަ އެވެ. މި ރަސްމިއްޔާތުގައި ޝަފްރާޒަށް ހަނދާނީ ކޮއިން ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމާއި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.
ޝަފްރާޒް ގުޅިގެން ކުރިއަށް ގެންދިޔަ "އެކްރޮސް މޯލްޑިވްސް 2026" އަކީ އެޑްވެންޗަރު ޓޫރިޒަމްގެ ތެރެއިން ރާއްޖެއަކީ "ކަނޑުގެ ގައުމެއް" ގޮތުގައި ދުނިޔެ އަށް ދައްކުވައިދީ، ކަނޑުއަޑީގެ ހަރަކާތްތަކާއި ތަފާތު ތަޖުރިބާތައް ކުރަން ބޭނުންވާ ޓޫރިސްޓުންނަށް ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ.