Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

މި އަހަރުގެ އަމާޒަކީ 2.5 މިލިއަން ޓޫރިސްޓުން

ރާއްޖެ އިން މި އަހަރު 2.5 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުއްޖެ އެވެ.

އެ މަނިކުފާނު މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ޓޫރިޒަމް ދާއިރާ އިން މި އަހަރު 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އަންދާޒާކޮށްފައިވާ ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިޔަނަށް އިތުރުކޮށް 11.3 ޕަސެންޓްގެ ކުރިއެރުމެއް ހޯދުން. މިކަން ހާސިލްކުރުމަށްޓަކައި ސަރުކާރުގެ އަމާޒަކީ ރާއްޖެ ޕްރޮމޯޓްކުރުމަކީ އެންމެން ޝާމިލްވާ މަސައްކަތެއްގެ ގޮތުގައި ހެދުން،" ރައީސް ވިދާޅުވި އެވެ. "މި މަސައްކަތް ހާސިލްކުރުމަށްޓަކައި އަންނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އިޔާގެ ގޮތުގައި ކަނޑައަޅައި އިއުލާން ކުރަން."

މިދިޔަ އަހަރު ރާއްޖެ އިން 2.3 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފި ނަމަވެސް، އަހަރު ނިމުނު އިރު، ޒިޔާރަތްކޮށްފައި ވަނީ 2.2 މިލިއަން ޓޫރިސްޓުންނެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާ އިރު 9.8 ޕަސެންޓްގެ އިތުރު އަދަދެކެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް ދާއިރާ އިން 5.55 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 13.8 ޕަސެންޓްގެ ކުރިއެރުމެކެވެ.