Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މަޖިލިސް ދެމި އޮންނާނީ ރައްޔިތުންނާއެކު: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނީ ރައްޔިތުންނާއެކު ކަމަށް، މަޖިލީހުގެ ރައީސް އަަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިިލިސް މިއަހަރަށް ހުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވައި ނިންމެވާއެކު، ދެއްކެވި ވާހަކަފުޅުގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ ޤާނޫނުއަސާސީން މަޖިލީހާއި މަތިކޮށްފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަމުން ގެންދިއުން ކަމަށެވެ. އަދި މަޖިލީހުގެ ވިސްނުމަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދެއްވުމުގައި ޤާނޫނީ އެއްވެސް ހުރަހެއް އޮތްކަމަށްވާނަމަ، ޤާނޫނީ އިމުގެ ތެރެއިން އެ ހުރަހަކަށް ހައްލު ގެނެސް ދިނުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލިސް ދެމި އޮންނާނީ ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެކުގައި ކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް އަރުވާ ކަމަށްވެސް ވިދާޅުވި އެވެ.

"ވިހި ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް އިސްކުރާނީ ދިވެހި ޤައުމާއި ދިވެހިން، ދިވެހިންގެ ކުރިއެރުން، ދިވެހިންގެ ތަރައްގީ، ދިވެހިންގެ ހަމަޖެހުން، ދިވެހިންގެ ރައްކާތެރިކަން." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ ކުރިއަށް އޮތް އަހަރަކީވެސް ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް މަޖިލީހުން އުފެއްދުންތެރި، ބިނާކުރަނިވި، ހަރުދަނާ މަސައްކަތްތަކެއް ކުރަންހުރި އަދި ކުރެވިގެންދާނެ އަހަރަކަށް ވާނެކަމާމެދު ޝައްކު ނުކުރާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރު ފުރަތަމަ ދައުރުގެ މަސައްކަތް ފަށާފައިވާއިރު ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަނީ އަންނަ ހޯމަ ދުވަހު ކަމަށް ރައީސް އަބްދުއްރަހީމް ވަނީ ޖަލްސާ ނިންމަވާލައްވަމުން އިއުލާންކުރައްވާފަ އެވެ.