Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ދިހަ ރިސޯޓުން 200 މިލިއަންގެ ފައިދާ ނެރޭނެ ގޮތެއް ނުފެނޭ

ރައްޔިތުންނަށް ޑޮލަރު ދޭން 10 ރިސޯޓުން 200 މިލިއަން ޑޮލަރުގެ ފައިދާ ނެރޭނެ ގޮތެއް ހިސާބުތަކުން ނުދައްކާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވެފައިމިވަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ސަރުކާރުން ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދައި، ބޭރު ފައިސާ އެކައުންޓަށް ޖަމާ ކުރަން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް އަންދާޒާ ކުރެއްވި ގޮތުގައި 2030 ފެށިގެން ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރަކު 400 ޑޮލަރު ލިބޭނެ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ 2030 ވަނަ އަހަރު އަންނަންވާ އިރަށް ރާއްޖޭގެ އާބާދީ 5 ލައްކައަށް ވުރެ މަތިވާނެކަމަށް ތަފާސް ހިސާބު ތަކުން ދައްކާއިރު، އާބާދީގެ ބޮލަކަށް 400 ޑޮލަރު ބަހަން، 200 މިލިއަން ޑޮލަރު 10 ރިސޯޓުން ފައިދާގެ ގޮތުގައި ނެރޭނެ ގޮތެއް ހިސާބު ތަކުން ނުދައްކާ ކަމަށެވެ.

މާލޭ ކައިރީގައި 150 ކޮޓަރީގެ ފައިވްސްޓާ ރިސޯޓެއް ހެދުމަށް މިހާރު ޑޮލަރުގެ އަގު ހުރި މިންވަރާއި ތަކެތީގެ އަގާއި އިމާރާތް ކުރުމުގެ ޚަރަދުތަކަށް ބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި 10 ރިސޯޓު ހަދަން 800 މިލިއަނެއްހައި ޑޮލަރު ހޯދާނެ ގޮތެއްގެ ވާހަކަ ދައްކާއިރު، ސޯޝަލް ހައުސިން އަށް ވެސް މި އުޅެނީ ފައިސާ ނުހޯދިގެން ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެހެން އޮއްވާ، ސަރުކާރުން ފައިވްސްޓާ ރިސޯޓެއް ހެދުމަށްޓަކައި މި އަދަދު ހޯދާނެ ގޮތެއް ނުވިސްނޭ ކަމަށް ވިދާޅުވި އެވެ.

"މެދުކެނޑުމެއް ނެތި މުޅި ދުނިޔެއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުން ތަކާއި، ފަތުރުވެރި ކަމުގެ ދާއިރާގައި އޮތް ވާދަވެރި ކަމުގެ ތެރެއިން، 500 ޑޮލަރަށް ރޫމެއް އެވްރެޖު ޑެއިލީ ރޭޓެއްގެ ގޮތުގައި ވިއްކިދާނެތޯ؟ 500 ޑޮލަރުގެ ރޭޓުން 65 އިންސައްތައިގެ އޮކިއުޕެންސީއެއްގައި ރޫމް ރެވެނިއު ގޮތުގައި އެންމެ ގިނަވެގެން މި ލިބެނީ 17 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާއި ދެމެދުގެ މިންވަރެއް،" ފައިސަލް ވިދާޅުވި އެވެ.

ޓޫރިޒަމްގެ ދާއިރާގައި މީގެކުރިން މަސައްކަތް ކުރެއްވި ފައިސަލް ވިދާޅުވީ ރިސޯޓެއްގެ އޮޕަރޭޝަން ކިރިޔާ ހިފަހައްޓާލެވޭނީ 50 އިންސައްތަ އޮކިއުޕަންސީ މުޅި އަހަރުގެ ތެރޭގައި ހިފެހެއްޓިގެން ކަމަށާއި އަދި ރިސޯޓު ތަރައްގީ ކުރުމަށް ނަގާ ލޯނަށް ފައިސާ ދައްކަންވެސް މަދުވެގެން 8 އަހަރު ބޭނުންވާ ކަމަށެވެ.

ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ މިއަދާ ހަމައަށް ދެމި އޮތީ، މި ސިނާއަތުގައި އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތުން ކަމަށާއި މިހާތަނަށް އައިއިރު، ސަރުކާރުން ފަތުރުވެރި ކަމުގެ ސިނާއަތަށް ވަދެގެން ކުރި ކޮންމެ މަސައްކަތަކުން އޮތީ އިންތިހާ އަށް ގެއްލުން ލިބިފައި ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ތަންދޮރު އޮޅުން ނުފިލުވައި، ހަމަ ހިތަށް އެރި ކޮންމެ އެއްޗެއް ރިޔާސީ ބަޔާނުގައި ވިދާޅުވީމާ، ރައްޔިތުން ކުރިމަތީގައި އިތުބާރު ގެއްލި، ވެރިޔަކަށް ހުންނަ މީހަކު ވިދާޅުވާ އެއްވެސް އެއްޗަކަށް ސަމާލުކަމެއް ނުދޭނެ. ވިސްނަވާ! ކޮބައިތޯ ބިއްލޫރި ޓަނަލް؟ ކޮބައިތޯ އައްޑޫ ބްރިޖު؟ ކޮބައިތޯ ބަންކަރިން؟ ކޮބައިތޯ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް؟ ކޮބައިތޯ ގއ.ވިލިނގިލީގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓު؟ ކޮބައިތޯ ގދ.ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު؟ ކޮބައިތޯ 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ނިންމަވާނެ ކަމަށް ވިދާޅުވި ކަންކަން،" ފައިސަލް ވިދާޅުވި އެވެ.

ރިޔާސީ ބަޔާން ވާން ޖެހޭނީ ރައްޔިތުންނަށް އުންމީދެއް ގެނުވައިދޭ، ޤައުމުގެ ކަންތައްތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާމަ ކުރާ އެއްޗަކަށް ކަމަށާއި އެއީ އެއްގޮތަކަށް ވެސް ނުވާނެ ވަރުގެ ކަންތަކުގެ ވާހަކަ ދައްކައި، ރައްޔިތުންނަށް ކަންކަން އޮޅުވާލާ އެއްޗަކަށް ވެގެން ނުވާނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. އަދި ކިތަންމެ ދިގު ބަޔާނެއް ދެއްވި ނަމަވެސް، އޭގައި އޮއްޓަރު ހުރި ރަނގަޅު ކަންކަން ނުހިމެނޭ ނަމަ އެބަޔާނެއް ވާނީ ހުސް ހާސަރަކަށް ކަމަށްވެސް ވިދާޅުވި އެވެ.

ފައިސަލް ވަނީ ކުރަންވީ ކަމަކީ ސަރުކާރުން ކުރާ ބޭކާރު ޚަރަދު ކުޑަކޮށް، ސިޔާސީ ބޭނުމުގައި ވަޒީފާ އިތުރު ނުކޮށް، ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމާ އެކު، އަމިއްލަ ފުދުންތެރިކަން އިތުރު ކުރުމަށް ހިތްވަރު ދިނުން ކަމަށާއި އިޤުތިޞާދީ ފުދުންތެރިކަމާއި ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސް ދެވޭނީ އެގޮތުން ކަމަށްވެސް ވިދާޅުވެފަ އެވެ.