Last Updated: June 5, 19:20
Friday, June 5, 2026
ރިޕޯޓް

ރޯދަ ފަރުޟު ކުރެއްވުމުގެ ބައެއް ޙިކުމަތްތައް!

ރަމަޟާން މަހާ ބައްދަލު ވުމަކީ މުއުމިނަކަށް ކުރިމަތިވާނޭ އެންމެ އުވާވެރި އެއް ކަންތަކެވެ. މިމަހުގައި ﷲއާ ކުއްތަންވެ ހެޔޮ ޢަމަލު ކުރުމަށް އޭނާ އަވަސްވެގަންނަ އިރު، މި މަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކުމަތްތަކާ މެދު ވިސްނާ ފިކުރުކޮށްލުމަކީ ނެތް ކަމެއް ނޫނެވެ.

އެހެންކަމުން ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ ޙިކުމަތްތައް ކަމުގައި ޢިލްމުވެރިން ޛިކުރު ކުރައްވާ ބައެއް ކަންކަމަށް މި ލިޔުމުގައި އަލިއަޅުވާލާނަމެވެ.

1. ތަޤުވާވެރިކަން ނަފްސުގައި އަށަގަތުން

މިއީ ރޯދަ ފަރުޟު ކުރެއްވުމުގެ އެންމެ މަތިވެރިވެގެންވާ ޙިކުމަތެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެ އެވެ.

﴿يا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾‏ ‎(سورة البقرة١٨٣)

މާނަ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”

2. ޙަރާމް ކަންކަމުން ދުރުހެލިވުން

އަހަރެމެންނަށް ﷲ ޙަލާލު ކުރައްވާފައިވާ ކެއިން ބުއިމާއި (ޙަލާލު ގޮތުގައި) ޖިންސީ އެދުންވެރިކަން ފުއްދުން ފަދަ ކަންކަމުން އަހަރެމެން ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި ދުރުވެ މި ތިބެނީ ﷲ އަށް ކިޔަމަންވުމުގެ ގޮތުންނެވެ. މިކަމުން ވެސް އެނގެނީ އެ އިލާހު ނަހީ ކުރައްވާފައި ކަންކަމުން ދުރުވުމަށް އަހަރެމެން މަސައްކަތް ކޮށްފި ނަމަ އެ ކަންތައް ވެސް ކާމިޔާބު ވާނެ ކަމެވެ.

3. ޝަހުވަތްތަށް ކޮންޓްރޯލު ކުރުން

ކެއިން ބުއިމާއި ޖިންސީ އެދުން ފުއްދުމަކީ އިންސާނާގެ ހަށިގަނޑުގައި ﷲ ލައްވާފައިވާ ދެ ޝަހުވަތެވެ. އެ ދެ ޝަހުވަތެއްގެ ސަބަބުން އެތައް ފާފައަކަށް އަރައިގަނެވޭ ދެ ކަމެކެވެ. ރޯދަވެރިޔާ، މި ދެ ކަންތައް ޙަލާލު ގޮތުގައި އަދި ޙަރާމު ގޮތުގައި ވެސް ކުރުމުން ދުރުވެ ހުރުމުގެ ސަބަބުން އޭނަ އަށް އޭނާގެ ޝަހުވަތްތައް ކޮންޓްރޯލް ކުރުމަށް ފަސޭހަވެއެވެ.

4. ދުނިޔޭގައި ޙާލުގައި އުޅޭ މީހުންގެ މަތިން ހަނދާންވުން

ރޯދަވެރިޔާ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ދުވާލުގެ ވަގުތު ތަކުގައި މި ދޫކޮށްލާ ބައެއް ޙަލާލު ކަންކަމަކީ ފަހަރެއްގައި އޭނާ ކޮންމެދުވަހެއްގައިމެ އާދަވެގެން ކުރާ ކަންތައްތަކެއް ކަމުގައި ވެދާނެއެވެ. ނަމަވެސް މި ކަންކަމުން މަޙުރޫމުވެފައިވާ އެތައް ބައިވަރު ބަޔަކު މި ދުނިޔޭގައި އުޅެމުންދެ އެވެ.

ރޯދަ ވެރިޔާއަށް މިފަދަ ނިކަމެތިންގެ މަތިން ހަނދާންވެ، އެބައިމީހުންނަށް އެހީވުމަށް ހިތްވަރު ލިބެއެވެ. އަދި ތިމާއަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރު ކުރުމަށް އަވަސްވެގަނެވެ އެވެ.

ނޯޓް: މިއީ ޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދުގެ ލިޔުއްވުމެކެވެ.