Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ކަރެކްޝަންސް އިން 3 ޕްރޮޖެކްޓެއް ލޯންޗްކޮށްފި

ޤައިދީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަނާކުރެވޭނެ ސިސްޓަމެއް ރޭ ތަޢާރަފުކޮށްފި އެވެ.

އެގޮތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނާ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކޮށްފައިވެ އެވެ.

މިއީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ހިންގުން ހަރުދަނާކޮށް، ޤައިދީންގެ މަޢުލޫމާތު ބެލެހެއްޓުން ހަރުދަ ނާކުރެވޭނެ ސިސްޓަމެކެވެ.

މި ތިން މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ.

ކަރެކްޝަންގެ ސްޓްރެޖީޓިކް އެކްޝަން ޕްލޭން، ޕްލޭނަކީ ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއި ޔޫއެންއޯޑީސީގެ ފަންނީ އެހީތެރިކަން ލިބިގެން ތައްޔާރުކުރެވިފައިވާ ޕްލޭނެކެވެ. މިޕްލޭނާ އެއްގޮތަށް ކަރެކްޝަންސްގެ ވިސްގެ މަސައްކަތްތައް ތަރުތީބުވެގެން ދިއުމުން ލިބިގެންދާނެ ފައިދާތަކަކީ، ޖަލުތަކުގެ ނިޒާމު ވަރުގަދަވެ، ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދިއުމާއި އަދި އޮފިސަރުންނާއި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމަށް ލިބިގެންދިއުން ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ޕްރިޒަނާ ޑޭޓާ މެނޭޖްމަންޓް ސިސްޓަމަަކީ ވެސް ޔޫއެންއޯޑީސީގެ ފުރިހަމަ އެހީތެރިކަމާއެކު ތައްޔާރުކުރެވިފައިވާ ސިސްޓަމެކެވެ. މި ސިސްޓަމްގެ ސަބަބުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދު މީހުންގެ މައުލޫމާތުތައް މަރުކަޒީ ނިޒާމަކުން ބެލެހެއްޓުމަށް ގާއިމުކުރެވޭ މި ޑިޖިޓަލް ނިޒާމުގެ ސަބަބުން، ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ހުރިހާ މަޢުލޫމާތުތަކެއް އެއް ވިއުގައަކުން ފެންނަން ހުންނާނެ އެވެ.

އަދި މަޢުލޫމާތުތައް ފުށުއެރުމުގެ މައްސަލަތަކަށް ހައްލު ލިބި، ކޯޓުތަކާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ޙިދުމަތް ފަދަ ކަމާގުޅުންހުރި އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ވަގުތުން ފޯރުކޮށްދެވި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އަވަސްވެގެން ދާނެ އެވެ.

މި ނިޒާމުގެ ތެރެއިން ޤައިދީންނާއި ބަންދު މީހުންގެ މެޑިކަލް އަދި ޕާސަނަލް ފައިލްތައް ޑިޖިޓަލައިޒް ކުރެވި، މިހާރު މަސައްކަތްތަކަށް ހޭދަވާ ވަގުތު ކުޑަކުރެވިގެން ދާނެ އެވެ.

އަދި “މައިއެމްސީއެސް” ޕޯޓަލް އަކީ ކުރިން ބޭނުން ކުރަމުން ދިޔަ އީ-ސާވިސް ޕޯޓަލްގެ އިތުރަށް ޒަމާނީކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއި ފަސޭހަކަމާއެކު ފޯރުކޮށް ދިނުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ. މި ޕޯޓަލްއަ ށް އީ-ފާސް ބޭނުންކޮށްގެން ލޮގް އިން ކުރުމަށް ފަހު، ކުށުގެ ރެކޯޑް ސާފުކުރުމަށް އެދުމާއި، ވަކީލުންނާއި ޢާއިލާތަކުން ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އެދުމާއި، ވަޒީފާއަށް އެދުމުގެ އިތުރުން ޤައިދީންނަށާއި ބަންދުމީހުންނަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މި ޕޯޓަލް، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވުމުން، އިދާރީގޮތުން ކުރަން ޖެހޭ މަސައްކަތްތައް އަވަސްވެގެން ދާނެ އެވެ.