ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވީ އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުގެ މިއަދު އިއްވެވި ތިން ވަނަ ރިޔާސީ ބަޔާންވެސް ފާހަގަވެގެން މިދިޔައީ، ފާއިތުވެދިޔަ ދެ ރިޔާސީ ބަޔާނެކޭ އެއްފަދަ، އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްގެ ގޮތުގައި ކަމަށެވެ. މިއަދުގެ ރިޔާސީ ބަޔާން އޮތީ، އިންތިޚާބެއް ބޯމަތިވެފައި އޮތީތީ ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއްގެ ގޮތުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ފާއިތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވަޢުދު ވެވަޑައިގެންނެވި އެއްވެސް ކަމެއް ކުރެވިފައި ނެތްއިރު އެ ވަޢުދުތައް ވަޅުލައި ކަފުންކޮށްފައި، އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަ ކުރެއްވުމަކީ ރައްޔިތުން އަގެއްނެތް ބަޔަކަށް ހެއްދެވުން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިއަދުގެ ޙަޤީޤަތަކީ ފަތު އަޑުކިޔާފައި ތަކެތީގެ އަގު އުފުލެމުން ދިއުން ކަމަށާއި އަދި ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އުފުލި، ވިޔަފާރިތައް އިނދަޖެހި، އިޤްތިޞާދު ފާލުން ނެއްޓި، މުޅި ޤައުމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމަށް އެއްވެސް ހަލެއް ފެންނަން ނެތުން ކަމަށެވެ.
ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ނުލިބޭ ކަމަށާއި ރިޔާސީ ބަޔާނުން ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ލިބުމުގެ ބަދަލުގައި ލިބުނީ ނާއުއްމީދާއި މާޔޫސްކަން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި ރިޔާސީ ބަޔާނަށް ދޮގުބަޔާނޭ ރައްޔިތުން ކިޔަން ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.