Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

200،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރަން ފެށި އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 200،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ދެއްވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ އޮޕަރޭޝަންގައި މިހާތަނަށް ޖުމްލަ 205،701 ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޭޝަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ހިމެނޭހެން ބައޯމެޓްރިކްސް ނަގައި އަޕްޑޭޓްކޮށްފައިވާ ކަމަށެވެ.

ބަޔޮމެޓްރިކްސް ނުދީ، ވޯކް ޕާމިޓެއް ނެތި އުޅޭ ބިދޭސީއެއް މިހާރު ފާހަގަވެއްޖެ ނަމަ ވަގުތުން އެ މީހަކު ފޮނުވާލެވޭނެ ކަމަށާއި އެގޮތުން، ނޮވެމްބަރު 17، 2025 އިން މިދިޔަ މަހުގެ ނިޔަލަށް، ގަވާއިދާ ޚިލާފަށްރާއްޖޭގައި އުޅުނު 228 ބިދޭސީން ފޮނުވާލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ނޮވެމްބަރު 17، 2023 އިން މި މަހުގެ ނިޔަލަށް، ގަވާއިދާ ޚިލާފަށްރާއްޖޭގައި އުޅުނު 11496 ބިދޭސީއެއް ފޮނުވާލާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި ވެސް މިހާރު ކުރިއަށްދާ އިރު މި ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ބަޔޮމެޓްރިކްސް ދީ ނަމަވެސް ލީގަލައިޒް ނުވެ ތިބި ބިދޭސީން ލީގަލައިޒްކުރުމުގެ ޕްރޮގްރާމް މިދިޔަ މަހުގެ 1 ގައި ފަށާފައިވެ އެވެ. އެގޮތުން ޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމަށްޓަކައި މިހާތަނަށް 3،837 އެޕްލިކޭޝަން ލިބިފައިވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައު އޮޕަރޭޝަންގެ ތިން ވަނަ ފިޔަވަހި އަންނަ މެއި މަހުގެ 3 ގައި ފަށާނެ އެވެ.

މި ފިޔަވަހީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންނާއި ކައުންސިލުތަކާއި އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތުން، ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި ރެގިޔުލަރައިޒް ނުވެ، ސައްހަ ވަރކް ޕާމިޓެއް ނެތި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިން އިތުރު ފުރުސަތެއް ނުދީ ޑީޕޯޓް ކުރެވޭނެ އެވެ.

ކުރަނގި އޮޕަރޭޝަން އަންނަ އަހަރުގެ މެއި 2 އަށް ނިންމައިލަން ރާވާފައިވާ އިރު، ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭނަމަ އެމީހުންގެ ޞައްޙަ އަދަދާއި އެއީ ކޮން ބައެއްކަން ކަށަވަރުކުރެވޭނެ އެވެ. އެހެންވެ މިއީ ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އިތުބާރު ހުރި، ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރަނގި އޮޕަރޭޝަން ފެށީ 2024 ގެ ޖޫން މަހުގެ ތެރޭގަ އެވެ.